ރާއްޖޭގެ ކުރީގެ އެޓާނީ ޖެނެރަލް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމާއި، މަނީލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.
ކުރިމިނަލް ކޯޓުގައި އެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 1:30 އަށެވެ. އެ ދެ އަޑުއެހުން ތާވަލުކޮށްފައިވަނީ އެކުއެކީގައެވެ.
އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ މަނީލޯޑަރިންގެ ކުށް ސާބިތުވެ، މިހާރު ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންގެންދަވާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެއެވެ. އަދި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ބުނެއެވެ.
މި މައްސަަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު ބަހައްޓަން އެސްކްރޯ އެކައުންޓެއް ހުޅުވަން އޭސީސީއަށް ލަފާ ދެއްވާފައި ނުވާނެ ކަމަށާއި އެކަމުގެ ހެއްކެއް ނެތް ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު