ޓްރާންސްފާ ސީޒަން ފެށުނީއްސުރެ މެންޗެސްޓާ ސިޓީން ގެންދަން މަސައްކަތް ކުރި ޑިފެންޑަރު ނަޕޯލީގެ ކަލިޑޫ ކުލިބާލީ ނުލިބޭނެހެން ހީވުމުން، ސިޓީގެ ފޯކަސް ބެނިފީކާގެ ޕޯޗުގަލް ޑިފެންޑަރު ރުބެން ޑިއާޒްއަށް އަމާޒުކޮށްފިއެވެ.

މީގެ ކުރިން ޖެހިފައިވާ ޓްރާންސްފާގެ މައްސަލައަކާއި ގުޅިގެން މެންޗެސްޓާ ސިޓީއާއި ނަޕޯލީއާ ދެމެދު ވާހަކަތައް ދެއްކުމަށް އުނދަގޫވެފައިވާތީ ކުލިބާލީގެ ޓްރާންސްފާއަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރައިފައެވެ. ދެ ކްލަބުންވެސް ކުލިބާލީގެ އެޖެންޓް މެދުވެރިކޮށް ވާހަކަ ދައްކަމުންދިޔައިިރު، ފީއަކަށް އެއްބަސް ނުވެވި މިހާރު ވަނީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައެވެ.

އިތުބާރުހުރި ނޫސްތަކުން ބުނެފައި ވަނީ ސިޓީން ބެނިފީކާއާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށާއި، މިހާތަނަށް ފެންނަ ފެނުމުގައި މަޝްވަރާތައް ދަނީ ކާމިޔާބުކޮށް ކަމަށެވެ. ސިޓީން ގާތްގަނޑަކަށް 55 މިލިއަން ޔޫރޯގެ ބިޑެއް، ޕޯޗުގަލް ގައުމީ ޓީމުގެ ޑިފެންޑަރު ޑިއާޒްއަށް ތައްޔާރު ކުރަމުން އަންނައިރު، ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީގެ ޑިފެންޑަރު ނިކޮލަސް އޮޓެމެންޑީ އެ ޑީލްގެ ދަށުން ބެނިފީކާއަށް ދޭނެ ކަމަށް ބެލެވެއެވެ.

އުމުރުން 23 އަހަރުގެ ޑިފެންޑަރު ޑިއާޒްއަށް ޔޫރަޕްގެ އެހެން ބައެއް ކްލަބުތަކުންވެސް ލޯއަޅަމުން އަންނައިރު، ކްލަބުން އޭނާ ވިއްކާލަން ތައްޔާރު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސިޓީން މިސީޒަނަށް ނެދަލެންޑްސްގެ ނެތަން އެކޭ ޓީމުގެ ފަހަތަށް ގެންގޮސްފައިވާއިރު، އެންމެފަހުން ޕްރިމިއާ ލީގުގައި ކުޅުނު މެޗުގައިވެސް އަކޭ ކުޅެފައި ވެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ސިޓީގެ ޓާގެޓްގައި ސެވިއްޔާގެ ޖޫލްސް ކައުންޑޭއާއި އެތުލެޓިކޯގެ ހޯޒޭ ހިމެނޭޒްވެސް ހިމެނެއެވެ.