މެލެޝިއާއަށް ކިޔަވަންދާ ދަރިވަރުން ކަރަންޓީން މުއްދަތުގެ ފީ ބޮޑުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކަމާބެހެ އިދާރާތަކަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ސްޓޭންޑާޑް އޮޕަރޭޝަން ޕްރޮސީޖާގެ ދަށުން މެލޭޝިއާއަށް ކިޔަވަންދާ އެހެން ގައުމުތަކުގެ ދަރިވަރުން ކަރަންޓީން މުއްދަތަށް ދައްކަންޖެހޭ ފައިސާއިން ސަބްސިޑީ ކަނޑާލައި، އެއްކޮށް ފައިސާ ދައްކަން ޖެހޭ ގޮތަށް އެގައުމުގެ ސަރުކާރުން ހަދާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެނެވެ.

އެގޮތުން 14 ދުވަހުގެ ކަރަންޓީ މުއްދަތަށް 4700 މެލޭޝިއަން ރިންގިޓް ދައްކަން ޖެހޭނެއެވެ. އެއީ ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 17،390 ރުފިޔާއެވެ.ކަރަންޓީން މުއްދަތުގައި ކަރަންޓީން ސްޓޭޝަންގެ އޮޕަރޭޝަނަށް 2600 ރިންގިޓް ދައްކަންޖެހޭއިރު، ހޮޓެލް ނުވަތަ ޕަބްލިކް ޓްރެއިނިން އިސްޓިޓިއުޓަށް ދުވާލަކު 150 ރިންގިޓް ދައްކަން ޖެހެއެވެ. ރޫމް ޝެއާ ކުރާނަމަ 50 ރިންގިޓް ދައްކަން ޖެހޭނެއެވެ. މިއީ ކޮވިޑް ޓެސްޓްގެ ފައިސާއާ ނުލައެވެ.

މެލޭޝިއާއަށް މި މަހުގެ 30 ވަނަ ދުވަހާއި އަންނަ މަހުގެ އެއް ވަނަ ދުވަހު ގިނަ އަދަދެއްގެ ކިޔަވާ ކުދިން ދިއުމަށް ވަނީ ޓިކެޓް ނަގައިފައެވެ. މި ބަދަލު ގެނައީ ގިނަ ކުދިން ޓިކެޓް ނެގި ފަހުން ކަމަށާއި ޓިކެޓަށް ދެއްކި 380-550 ޑޮލަރުގެ ރިފަންޑްވެސް ނުލިބޭ ކަމަށް އެކުދިން ބުންޏެވެ.

ކަރަންޓީން ފީ އަގުބޮޑުވުމާއި ގުޅިގެން 50 އަށްވުރެ ގިނަ ކުދިން ސޮއިކޮށް، ރައީސަށް ފޮނުވާފައިވާ ޕެޓިޝންގައި ވަނީ މެލޭޝިއާގެ ސަރުކާރުން ގެނައި ބަދަލާއެކު ވަރަށް ގިނަ ދަރިވަރުންނަށް ކުރު މުއްދަތެއްގެ ތެރޭގައި އެފައިސާ ހަމަޖައްސަން ދަތިވެފައިވާ ކަމަށެވެ. އަދި ބައެއް ކުދިންނަކީ ކުލާހަށް ހާޒިރުވުން މަޖުބޫރު ކުދިން ކަމަށެވެ.

މީގެ ތެރެއިން ގިނަ ކުދިންނަކީ ސްކޮލަޝިޕާއި ސްޓޫޑެންޓްސް ލޯނުން ކިޔަވަމުން އަންނަ ދަރިވަރުން ކަމަށް ވުމުން، ކުއްލި ގޮތަކަށް އެހާ ބޮޑު އަދަދެއް ހަމަޖެއްސުމަށް ދަތިވެފައިވާ ކަމަށް ޕެޓިޝަންގައި ވެއެވެ.

"ބާކީ އޮތީ ހަތަރު ދުވަސް. މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި ފައިސާ އެރޭންޖް ކުރުމަކީ ކުރަން ވަރަށް ދަތި ކަމެއް. ގިނަ ކުދިން ތިބީ ގޮތް ހުސްވެފަ،" ޕެޓިޝަންގައިވެއެވެ.

ޕެޓިޝަންގައި އިތުރަށް ވަނީ މި ކަމަށް ކަމާބެހޭ ހުރިހާ އިދާރާތަކުން އަވަސް ހައްލެއް ހޯދައިނުމަށް އެދޭ ކަމަށެވެ. ރައީސްގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީއަށްވެސް ވަނީ ޕެޓިޝަން ހުށަހަޅައިފައެވެ.

މެލޭޝިއާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ އިރު، ގިނައީ ކިޔަވާ ދަރިވަރުންނެވެ. އެގޮތުން ކޮވިޑްގެ ހާލަތާ ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުން ވަނީ އެނބުރި ރާއްޖެ އައިސްފައެވެ.