ހިޔާ މަޝްރޫއުގެ ދަށުން މާލެ ދަފްތަރު ކެޓަގަރީގެ މީހުން ޑިސްކޮލިފައި ކޮށްފައިވަނީ މި ސަރުކާރުން ބޭނުންވާ މީހުންނަށް ފްލެޓް ދޭން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޓުވިޓާ މެދުވެރިކޮށް މުއިއްޒު މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ހިޔާ މަޝްރޫއުގެ މައްސަލައިގައި މި ސަރުކާރުން ރައްޔިތުންނަށް ވަރަށް ބޮޑެތި އަނިޔާތައް ކުރިމަތިކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެންމެ ފަހުން ނެރުނު ދަފްތަރު ކެޓަގަރީގެ ވަގުތީ ލިސްޓުން ވެސް މީހުން ޑިސްކޮލިފައި ކުރަމުންދަނީ އިއުލާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އެއް ގޮތަކަށް ވެސް މިކަން ކުރެވިގެންވާނެ ގޮތެއް ނޫން. އުސޫލުތަކާ ހިލާފަށް މި ސަރުކާރުން އަމަލު ކުރަމުންދާ ސަބަބެއް ބަޔާން ކޮށްދޭން ޖެހޭ. ކީއްވެތޯ ރައްޔިތުންނަށް މިފަދަ ބޮޑެތި އަނިޔާތައް ކުރިމަތި ކުރުވަނީ. ހަމައެކަނި މި ބޭފުޅުން ބޭނުންވާ ފަރާތްތަކަކަށް ފުރުސަތު ދިނުމަށްޓަކައި ފްލެޓްތަކެއް ހުސްކުރާ ކަހަލަ ވިސްނުމެއް ރައްޔިތުންގެ ސިކުނޑިއަށް ވަންނަ ގޮތަށް މިކަން ކުރަމުންދަނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ރައްޔިތުންގެ ހައްގު ހޯދައިދޭން ޕީޕީއެމް/ ޕީއެންސީން އަބަދުވެސް ދެމި ތިބޭނެ ކަމަށެވެ.

ހިޔާ މަޝްރޫއު ފްލެޓްތަކުގެ ތެރެއިން ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް ހާއްސަ ކެޓަގަރީން ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު މިދިޔަ އާދިއްތަ ދުވަހު ވަނީ އާންމުކޮށްފަ އެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބުނީ، ދަފްތަރު ކެޓަގަރީ އަށް ހާއްސަކުރި 1044 ފްލެޓުގެ ވަގުތީ ލިސްޓުގައި 2،775 މީހުންގެ ނަން ހިމެނޭ ކަމަށެވެ. ލިސްޓު އާއްމުކޮށްފައި އޮތީ ކުރީގެ ސަރުކާރުގައި ލިބުނު ޕޮއިންޓްގެ އަދަދާއި މި ސަރުކާރުގެ ފްލެޓް ކޮމިޓީގެ އިވެލުއޭޝަނުން ލިބުނު މާކްސް އެނގޭ ގޮތަށެވެ. އަދި އެ ކެޓަގަރީން ޝަރުތު ހަމަނުވާ މީހުންގެ ލިސްޓާއި ޝަރުތު ހަމަނުވާ ސަބަބު ބަޔާންކޮށް އިތުރު ލިސްޓެއް ވެސް ނެރެފައިވެ އެވެ. އެ ލިސްޓުގައި 25 މީހުންގެ ނަން ހިމެނެ އެވެ.