ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރި އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
މިިދިޔަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކިކުރީ އޭނާގެ ފަރާތުން ޖިންސީ ގޯނާ އާއި ފުރައްސާރަ ލިބުނު އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް އެކަން ސަމާލުކަމަށް ގެނައުމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އަލީ ވަހީދުގެ މައްސަލައިގައި ޕީޖީގެ މަޝްވަރާއާއެކު މައްސަލައިގެ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން މިމަހުގެ 10 ވަނަ ދުވަހު "ވަން" އަށް މައުލޫމާތު ދިން ގޮތުންނަމަ އަލީ ވަހީދުގެ މައްސަލައިގައި މިހާރު ކުރަމުން އަންނަނީ އެންމެ ފަހުގެ މަސައްކަތްތަކެވެ. އަދި އޭނާއަށް ދައުވާ ކުރަން ވަރަށް އަވަހަށް ފޮނުވޭނެ ކަމަށް ވެސް ބުންޏެވެ. ނަމަވެސް ޕީޖީ އޮފީހަށް ފޮނުވޭނެ ވަކި ތާރީހެއް އޭރު ވެސް ފުލުހުން ނުދެ އެވެ.
އަލީ ވަހީދުގެ މި މައްސަލައިގައި 15 މީހެއްގެ ބަޔާން ވަނީ ނަގައިފަ އެވެ. އޭގެ އިތުރުން އަލީގެ ފޯނާއި ލެޕްޓޮޕަކާއި ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.
މި މައްސަލައިގައި މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު އަލީ ވަހީދު ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. ފުލުސް އޮފީހުން ނުކުމެ ނޫސްވެރިންނާ ވާހަކަދައްކަވަމުން އަލީ ވަނީ، ތަހުގީގު އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސްފިނަމަ ކުށެއް ނެތްކަން ސާބިތުވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ބަޔަކު ހިންގާފައިވާ ޖަރީމާއެއް ކަމަށާއި މި މައްސަލައަކީ ސިޔާސީ ނުފޫޒު އެކުލެވިގެންވާ މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު