މިމަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި، ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މި ވަނީ ތަސްދީގު ކުރައްވައިފައެވެ. އެ ބިލު އެމަނިކުފާނު ތަސްދީގު ކުރެއްވުމާ ގުޅިގެން ބިލުގައި ހިމެނޭ މިނިމަމް ވޭޖު ކަނޑައެޅުމާއި، ކުންފުނިތަކުގެ އިސް މަގާމުތަކާއެކު މުވައްޒަފުންގެ އަދަދު 60 ޕަސެންޓް ދިވެހިންނަށް ހެދުމަށް ކަނޑައަޅާފައިވާ މާއްދާ ނޫން އެހެން މާއްދާތަކަށް ވަނީ އަމަލު ކުރަން ފަށައިފައެވެ.
ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް މުހިއްމު ކަންތައްތަކެއް މި ބިލުގައި ކަނޑައަޅާފައި ވެއެވެ.
އެގޮތުން ބޭއިންސާފުން ވަޒީފާ ގެއްލޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް އެޅިފައިވާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މި ގާނޫނުން ދީފައިވާ އިތުރު ބާރުތަކާއި މަސްއޫލިއްޔަތުތައް ވެސް ފާހަގަކޮށްލެވެ އެވެ. މި ގާނޫނުގައި މާލެ ފިޔަވައި އެހެން ރަށްރަށުގައި އުފެދޭ ވަޒީފާއާބެހޭ މައްސަލަތައް އެ މައްސަލައެއް އުފެދުނު ރަށު ކޯޓު މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިދާނެކަމަށް ފުރަތަމަ ފަހަރަށް ވަނީ ކަނޑައަޅައިފައެވެ.
ގާނޫނުގެ 1-87 ވަނަ މާއްދާގައި ބުނެފައި ވަނީ، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ ވަޒީފާއާ ބެހޭ މައްސަލަތައް، މައްސަލަ ހުށަހެޅުނު ކޯޓު މެދުވެރިކޮށް އަޑުއެހުންތައް ކުރިއަށް ގެންދެވިދާނެ ކަމަށެވެ. މިގޮތަށް ހުށަހެޅޭ މައްސަލަތަކުގައި ވެސް ގޮތެއް ނިންމާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަމަށް ވެސް ބުނެފައި ވެއެވެ. އެގޮތަށް ރަށު ކޯޓުތައް މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލާނެ އުސޫލު ހަމަސް ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެކުލަވާލައި އާންމުކުރަންވާނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ. ވަޒީފާގެ މައްސަލަތަކުގައި ނިންމާ ނިންމުންތަކަށް އަމަލު ކުރޭތޯ އަމިއްލައަށް އިސް ނަގައިގެން، ޓްރައިބިއުނަލުން ބަލަން ޖެހޭނެ ކަމަަށްވެސް މި ގާނޫނުގައި ފުރަތަމަ ފަހަރަށް ވަނީ ކަނޑައަޅައިފައެވެ.
މި ގާނޫނުގައި ބުނެފައިވަނީ ޓްރައިބިއުނަލުން މައްސަލައެއް ނިންމުމަށްފަހު އެ ނިންމުމާ އެއްގޮތަށް އެ ނިންމުން ރައްދުވާ ފަރާތުން އަމަލުކޮށްފައިވޭތޯ ޓްރައިބިއުނަލްގެ އަމިއްލަ އިސްނެގުމުގައި ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ޓްރައިބިއުނަލްގެ ނިންމުމާ އެއްގޮތަށް، އެ ނިންމުން ރައްދުވާ ފަރާތުން އަމަލުކޮށްފައި ނުވާކަމަށް މައްސަލަ ރައްދުވާ ފަރާތަކުން ޓްރައިބިއުނަލަށް
އަންގައިފިނަމަ، އެ ނިންމުން ތަންފީޒު ކުރުމަށްޓަކައި އެ ނިންމުން ތަންފީޒުކުރުމުގެ އިހުތިސާސް ލިބިގެންވާ ކޯޓަކަށް، ޓްރައިބިއުނަލުން އެ ނިންމުމެއް ފޮނުވަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ. އެގޮތުން ކޯޓަށް ހުށަހެޅޭ ނިންމުންތައް ތަންފީޒުކުރުމުގެ މަސައްކަތް، އެ ކޯޓަށް ހުށަހެޅޭ އެހެނިހެން ހުކުމް ތަންފީޒުކުރުމުގެ މައްސަލަތަކާ އެއް އުސޫލަކުން، އެ ކޯޓެއްގައި ކުރިއަށް ގެންދަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
ނަމަވެސް ކޯޓުން ކުރިއަށް ގެންދާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއްގައި އެ މައްސަލައިގެ ހަސްމެއްގެ ގޮތުގައި ޓްރައިބިއުނަލް ޖާމިނު ކުރުވައިގެން ނުވާނެ ކަމަށާއި ޓްރައިބިއުނަކުން އެގޮތަށް ކޯޓަށް މައްސަލަތައް ފޮނުވުމަކީ އެ ފަދަ ނިންމުންތައް ރައްދުވާ ފަރާތުން ހުކުމް ތަންފީޒުކޮށްދިނުމަށް އެދި އަމިއްލައަށް އމައްސަލަ ކޯޓަށް ހުށަހެޅުމަށް އޮތް ހުރަހެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ. މިއީވެސް ބޭއިންސާފުން ވަޒީފާ ގެއްލޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ގާނޫނުން ކަނޑައަޅާފައިވާ މުހިއްމު ކަނޑައެޅުމެކެވެ. އަދި މިކަމުގެ ސަބަބުން އެފަދަ ފަރާތްތަކަށް އިންސާފު ލިބުން އަވަސްވެގެންދާނެ ކަމަށް ބެލެވެ އެވެ.
ޓްރައިބިއުނަލްގެ އަޑުއެހުންތައް އާއްމުކޮށް ހުޅުވައިލުމަށްވެސް ގާނޫނުގައި ވަނީ ބާރު އަޅައިފައެވެ.
އެގޮތުން ޓްރައިބިއުނަލްގެ އަޑުއެހުންތައް ހިންގަންވާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް 2-88 ވަނަ މާއްދާގައި ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް އެ ކަމަށް އިސްތިސްނާތަކެއްވެސް އެ މާއްދާއިން ދީފައި ވެއެވެ.
ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ހާޒިރުކުރަން ބޭނުންވާ މީހުން ހާޒިރު ކުރުމަށް ވެސް އިތުރު ބާރެއް ޓްރައިބިއުނަލަށް ވަނީ ދީފައެވެ. އެގޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، މީހުން ހާޒިރުކުރުމާއި ޓްރައިބިއުނަލަށް ހާޒިރުކުރާ މީހުންނާ ބޭނުންވާ ސުވާލެއް ކުރުމާއި ޓްރައިބިއުނަލަށް ހުށަހަޅަން ޖެހޭ ލިޔުމެއް ހުށަހެޅުމަށް އެންގުމަކީ ޓްރައިބިއުނަލަށް ލިބިގެންވާ ބާރެއްކަަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި ޓްރައިބިއުނަލްގެ އަމުރެއްގެ ދަށުން ޓްރައިބިއުނަލަށް ހާޒިރުވުމަށް އެންގޭ މީހަކު، މަގުބޫލު އުޒުރެއް ނެތި ޓްރައިބިއުނަލަށް ހާޒިރު ނުވެއްޖެނަމަ ޓްރައިބިއުނަލުން އަމަލުކުރާނެ ގޮތް ގަވާއިދަކުން ބަޔާން ކުރުމަށް ގާނޫނުން ވަނީ ޓްރައިބިއުނަލަށް ދޫކޮށްލައިފައެވެ.
ޓްރައިބިއުނަލްގެ އަޑުއެހުންތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ކުރިއަށް ގެންދާނެ ގޮތްވެސް ގާނޫނުގައި ކަނޑައަޅާފައި ވެއެވެ.
އެހެންކަމުން ބޭއިންސާފުން ވަޒީފާ ގެއްލޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުން އަވަސް ކުރުމަށާއި، ނިންމުންތައް ތަންފީޒު ކުރުން އަވަސް ކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މިވަނީ، މުޅިން އާ މަސްއޫލިޔައްތުތަކަކާއި އިތުރު ބާރުތަކެއް ގާނޫނުން ލިބިދީފައެވެ.