އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނު ކަމަށެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލާ އެއްގޮތަށް، ރާއްޖެއިން ބޭރުން އަންނަ މީހުން 14 ދުވަހަށް ކަރަންޓީނުވާން ޖެހޭތީ އެމަނިކުފާނު މިވަގުތު ހުންނެވީ ކަރަންޓީނުގައި ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މިދިޔަ އޯގަސްޓް މަހުގެ 28 ގަ އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް)ގެ އެމްބިޝަން އެމްބެސެޑަރުކަމުގެ މަސައްކަތް ވަނީ ފައްޓަވައިފަ އެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ ޑިމޮކްރަސީ ވީކުގެ ހައި ލެވެލް ސެޝަނެއްގައި ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިންނެވެ. މިއަހަރުގެ ދެވަނަ ދައުރު ނިންމައި މަޖިލިސް ޗުއްޓީ އަށް ދިޔައީ ދެ ފަހަރެއްގެ މަތިން ޗުއްޓީ ފަސްކުރުމަށް ފަހުގައި މިމަހުގެ ހަ ވަނަ ދުވަހު އެވެ. މަޖިލީހުގެ ޖަލްސާތައް އަލުން ބާއްވަން ފަށާނީ އަންނަ މަހުގަ އެވެ.