މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ، އެތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި ދައުވާކުރާ މުހައްމަދު އަޒުހަމް ސައީދު، ގދ. ގައްދޫ ރެޑްމާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާފައި ވަނިކޮށް އޭނާ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލް ކަމަށް ހައިކޯޓުން މިއަދު ނިންމައިފިއެވެ.
އެ މައްސަލަތަކުގެ ތުހުމަތުގައި، އަޒުހަމް ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް މިއަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހުށަހެޅުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދިނެވެ. ނަމަވެސް އެ މުއްދަތު ހަމަވާން ކައިރިވެފައި ވަނިކޮށް އިތުރަށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް، ފުލުހުންގެ ފަރާތުން ކުރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނިކޮށް ބަންދުގެ މުއްދަތު އިތުރު ނުކޮށް ފެބްރުއަރީ ހައެއްގައި އޭނާ ވަނީ ޝަރުތު ތަކަކާއެކު ބަންދުން ދޫކޮށްލައިފައެވެ.
އޭނާ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ އޭނާގެ ބަންދުގައި މައްސަލައިގެ ތަހުގީގުގައި އެކަށީގެންވާ މުއްދަތު ހޭދަވެފައިވާ ކަމަށެވެ.
އޭނާ ދޫކޮށްލި އިރު ކޯޓުން ޝަރުތު ކޮށްފައި ވަނީ މާލޭ ސިޓީން ބޭރަށް ދާނަމަ ލިޔުމަކުން ފުލުހުންގެ ހުއްދަ ހޯދުމަށާއި ތުހުމަތު ކުރެވިފައިވާ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދިނުމާއި ރޭގަނޑު 12:00 އިން ފެށިގެން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުނިކުތުމެވެ.
އެކަންތައްތައް ޝަރުތުކޮށް އޭނާ ބަންދުން ދޫކޮށްލި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްގެން ކުރިއަށް ގެންދިޔަ މައްސަލައިގައި ހައިކޯޓުން މިއަދު އިއްވި ހުކުމުގައި އިތުރަށް ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އެ ނިންމުން ބާތިލް ކަމަށް ކަނޑައަޅާ ކަމަށާއި އަޒުހަމް ބަންދުގައި ބަހައްޓައިދިނުމަށް އެދި ޕީޖީގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ އެ ގަޒިއްޔާގައި ހައިކޯޓުން ފާހަގަ ކޮށްފައިވާ ކަންކަމުގެ އަލީގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ޖެހޭނެކަމަށް ކަނޑައަޅާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކަމަށް ހައިކޯޓުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި، އޭނާގެ މައްޗަށް އުފުލާފައިވާ ތުހުމަތު ތަކަކީ، ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައިވާ ކުށަކަށް ވުމާއި އެއީ ކަފާލާތުވެސެ ނުލިބޭ ކުށަކަށްވުން ހިމެނެއެވެ.
މީގެ އިތުުރުން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެދިފައިވާ ސަބަބަކީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ފާހަގަވާން އޮތުންވެސް ހިމެނެއެވެ. އަދި އެ ފަދަ ކަންކަމުގައި ފަނޑިޔާރު ހުކުމް އިއްވާއިރު ބަލަން ޖެހޭ ކަންތައްތައްތައްވެސް ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައި ވެއެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު