ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހުޅުވައިލި ހިޔާ މަޝްރޫއުގެ ދަށުން މާލެ ދަފްތަރު ކެޓަގަރީ އިން މީހުން ޑިސްކޮލިފައި ކޮށްފައިވަނީ ގެޒެޓުގެ ރަސްމީ އިއުލާނާ ހިލާފަށް ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ރޭ ކުރެއްވި ޓުވީޓެއްގައެވެ. މި ޓުވީޓާއެކު މުއިއްޒު ވަނީ ގެޒެޓުގެ ލިންކެއް ވެސް އާންމު ކުރައްވައިފައެވެ.
މުއިއްޒު ހިއްސާ ކުރެއްވި ގެޒެޓުގެ އިއުލާނަކީ މާލޭ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް ހާއްސަ ކެޓަގަރީ އަށް ގެނައި އިސްލާހާ ގުޅިގެން ކޮށްފައިވާ އިއުލާނެކެވެ.
މީގެ އިތުރުން މިހާތަނަށް އިއުލާނުކޮށްފައިވާ ހުރިހާ ކެޓަގަރީއަކުންވެސް ކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ފްލެޓެއް އޮވެގެން ޑިސްކޮލިފައި ކޮށްފައިވަނީ ގެޒެޓު ކޮށްފައިވާ އިއުލާނުތަކާ ހިލާފަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ މީހަކު ޑިސްކޮލިފައި ކުރާއިރު ކުރިން އެމީހަކަށް ލިބިފައިވާ ގޯތި ނުވަތަ ފްލެޓު ދޫކޮށްލަން ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.
މީގެ ކުރިން މުއިއްޒު ކުރެއްވި ޓުވީޓެއްގައި އެކުގައި އުޅޭ ދެމަފިރިންގެ ދިރިއުޅުމުގެ ހާލަތުގެ ޕޮއިންޓަށް ބަލާއިރު ދިރިއުޅުމުގެ ހާލަތަށް މި ސަރުކާރުން ދޭ ޕޮއިންޓުން ދެމީހުންނަށް ލިބޭ ޕޮއިންޓު ތަފާތުވަނީ ކީއްވެތޯ ސުވާލު ކުރައްވާފައި ވެއެވެ. އަދި މާލޭ ދަފްތަރު ކެޓަގަރީގައި މިކަން ގިނަ ބަޔަކަށް ދިމާވެފައިވާ ކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ.
ހިޔާ މަޝްރޫއު ފްލެޓްތަކުގެ ތެރެއިން ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް ހާއްސަ ކެޓަގަރީން ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމު ކޮށްފައިވަނީ މި ހަފްތާގެ އާދިއްތަ ދުވަހުއެވެ. އެގޮތުން ފްލެޓުތަކުގެ މައްސަލަ ބަލަން އެކުލަވާލި ކޮމިޓީން ދަފްތަރު ކެޓަގަރީން ފްލެޓަށް އެދި ހުށަހެޅި މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު އާންމު ކުރުމުގެ އިތުރަށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ.
ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް ހާއްސަ ކެޓަގަރީން ފްލެޓަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ 25 މީހުން ތިބި ކަމަށް މީގެ ކުރިން ފްލެޓުތަކުގެ މައްސަލަ ބަލަން އެކުލަވާލި ކޮމިޓީން ބުނެފައިވެއެވެ.
މިހާތަނަށް އެ ކޮމިޓީން ވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ (H4)، ޓީޗަރުންނަށް ހާއްސަ (H5)، މާލޭ ރަށްވެހިންނަށް ހާއްސަ (H8) އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ (H10) ކެޓަގަރީގެ ފްލެޓާ ގުޅޭ ވަގުތީ ލިސްޓުވެސް އާންމުކޮށްފައެވެ. އެ ލިސްޓުތަކަށް ޖުމުލަ 3068 ޝަކުވާ ވަނީ ހުށަޅައިފައެވެ.
ޑރ. މުހައްމަދު މުއިއްޒު
ޑރ. މުހައްމަދު މުއިއްޒު
ޑރ. މުހައްމަދު މުއިއްޒު
ޑރ. މުހައްމަދު މުއިއްޒު