ޗައިނާ އިން ރާއްޖެއަށް ދީފައިވާ ލޯނުތައް ނުދެއްކިއްޖެނަމަ ރާއްޖޭގެ ރަށްތަކާއި ބިންތައް ޗައިނާއަށް ނަގާނެ ކަމަށް ބުނެ ދައްކާ ވާހަކަ އަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށް ޗައިނާ ސަފީރު ޒަންގް ލީޖޮންގް ވިދާޅުވެއްޖެ އެވެ.

ދަރަނިތަކާ ގުޅޭގޮތުން ޓުވިޓާ މެދުވެރިކޮށް ހިއްސާ ކުރެއްވި މެސެޖެއްގައި ސަފީރު ވިދާޅުވީ، ދިވެހި ސަރުކާރުން ޗައިނާއިން ނަގާފައިވާ ލޯނުތައް ނުދެއްކިއްޖެނަމަ އޭގެ ބަދަލެއްގެ ގޮތުގައި ރާއްޖޭގެ ބައެއް ރަށްތަކާއި ބިންތައް ދޭންޖެހޭނެ ކަމަށް ބުނެ ބައެއް މީހުން ދައްކާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އެގޮތުން ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއިކުރާ އެއްބަސްވުންތަކަކީ ދެ ގައުމަށް ވެސް ފައިދާ ކުރާނެ ގޮތަށް އެއްބަސްވާ އެއްބަސްވުންތަކެއް ކަމަށާއި އެއީ އެއް ފަރާތުން ހުރިހާ ކަމެއް ނިންމާ ގޮތަށް ނުވަތަ އެއް ފަރާތުން އަނެއް ފަރާތުގެ ފައިދާ ނަގާ ގޮތަށް ހެދިފައިވާ އެއްބަސްވުންތަކެއް ނޫން ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ސަފީރު އިތުރަށް ވިދާޅުވީ ޗައިނާއަށް ދައްކަން ޖެހޭ ދަރަނި ނުދެއްކިގެން އެގައުމުން އެއްވެސް ގަައުމެއް އުނދަގުލެއްގެ ތެރެއަށް ވައްޓާލާފައި ނުވާނެ ކަމަށާއި މުސްތަގުުބަލުގައި ވެސް ދިމާވާ މައްސަލަތައް ހައްލުކުރާނީ އެކުވެރިކަމާއެކު ގައުމުތަކާ މަޝްވަރާ ކުރެވިގެން އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލައިގެން ކަމަށެވެ.

"ދަރަނީގެ ދަންތުރައިގެ ވާހަކައަކީ ބައެއް ބޭފުޅުން ކައްކާ ހިޔާލީ ވާހަކައެއް. އެއީ ޗައިނާ އާއި ތަރައްގީވަމުން އަންނަ އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް އަސަރު ކުރުމަށް ސިޔާސީ ގޮތުން ބޭނުންކުރާ އާލާތެއް،" ސަފީރު ވިދާޅުވި އެވެ.

ޗައިނާ ސަފީރު މިހެން ވިދާޅުވި އިރު، ޗައިނާގެ ދަރަނީގެ ދަންތުރައިގެ ވާހަކަ އެންމެ ބާރަށް ދައްކަވާ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެގޮތުން އެމަނިކުފާނު ވަނީ، ރާއްޖެއަށް ތަރައްގީ ގެނެސްދިނުމުގެ ނަމުގައި ބޮޑެތި ލޯނުތަކެއް ދީގެން ޗައިނާއިން ރާއްޖެ ބޮޑު ދަރަނީގެ ދަންތުރައެއްގައި ޖައްސާފައިވާ ކަމަށާއި ޗައިނާ އިން ލޯނުތައް ރީސްޓްރަކްޗާ ކުރަން ޖެހޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.