ޚަބަރު

އިލެކްޝަން ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރައްްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލަކީ މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. މި ބިލު ތަސްދީގު ކުރެއްވުމާއެކު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. އަދި މިއަދުން ފެށިގެން މި ގާނޫނަށް އަމަލުކުރަން ފެށޭނެ އެވެ.

މި އިސްލާހާއެކު އީސީގެ ރައީސް އާއި މެންބަރުންގެ މަސްއޫލިއްޔަތުތަކަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އަދި ނުފޫޒެއްނެތި މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ކުރިއަށްވުރެ ބޮޑަށް މި އިސްލާހު ބާރުއަޅައި އެކަމަށް ހާއްސަ ކޮށްގެން މާއްދާއެއް ވެސް އިތުރުކޮށްފައިވެ އެވެ. އަދި ކޮމިޝަންގެ ޖަމާއީ ސުލޫކީ ހަމަތަކަށާއި މެންބަރުންގެ ޒާތީ ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ވެސް މި އިސަލާހުގައި ބާރުއަޅަ އެވެ.

އޭގެ އިތުރުން ކޮމިޝަނުގެ މެންބަރުންގެ މާލީ ހިސާބު ހުށަހެޅުމަށާއި އިތުރު ވަޒީފާ އަދާނުކުރުމަށާއި މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް މި އިސްލާހުން ބާރު އަޅާއިރު ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް ތަފުސީލުކޮށް މި އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.