ޓޮޓެންހަމްގެ ކޯޗު ހޯޒޭ މޮރީނިއޯއަކީ ފުޓުބޯޅަ ސަޕޯޓަރުންނަށް އާ މޫނެއް ނޫނެވެ. އޭނާގެ "ސްޓްރެއިޓް ފޯވަޑް" ގޮތްގަނޑަކީ ގިނަ ބަޔަކު ޝައުގުވެރިވެސް ވާ ކަމެކެވެ. ހާއްސަކޮށް ޗެލްސީއާއި ރެއާލް މެޑްރިޑުގައި އޭނާ ހޭދަކުރި ދުވަސްތަކަކީ ކާމިޔާބީގެ އިތުރުން އެތަކެއް ތަފާތު މަންޒަރުތަކެއްވެސް ފެނިގެންދިޔަ ދުވަސްތަކެކެވެ.

"ސްޕެޝަލް ވަން" އަކީ މޮރީނިއޯ އަމިއްލައަށް އޭނާ ދިން ލަގަބެކެވެ. އަބަދުވެސް ފަސް މަންޒަރުގެ ކާމިޔާބީއަށް ވާހަކަ ދައްކާ، އަމިއްލަ ކާމިޔާބީގެ ވާހަކަ ސީދާސީދަލަށް ބުނެލަން ކެރޭ ކޯޗެއްގެ ގޮތުގައި މޮރީނިއޯ ފާހަގަ ވެގެންދާ އިރު، ޓޮޓެންހަމްގައި މި ފެށުނީ އޭނާގެ ދެވަނަ ސީޒަނެވެ. އަބަދުވެސް ދެވަނަ ސީޒަނުގައި ކާމިޔާބީ ގެންނަ ކަމަށް ބުނާ މޮރީނިއޯއަށް މި ސީޒަނަކީ ޗެލެންޖެކެވެ. މާ ކުރިންވެސް އޭނާ ވަނީ އެހެން ބުނެފައެވެ.

ރަނގަޅު ޓްރާންސްފާތަކެއްވެސް ކޮށްފައިވާ އިރު، ރޭ ސައުތުހޭމްޓަންއާ ދެކޮޅަށް ކުޅުނު މެޗަކީ މި ސީޒަނުގައި ޓޮޓެންހަމް މޮޅުވި ފުރަތަމަ މެޗެވެ. 5-2ގެ ތަފާތު ބޮޑު ނަތީޖާއަކުން ޓޮޓެންހަމް ރޭ މޮޅުވި އިރު، ތަފާތަކަށް ފެނިގެންދިޔައީ ކެޕްޓަން ހެރީ ކޭންއާއި އެޗް އެމް ސަންއެވެ. ސަންގެ ހަތަރު ގޯލް ފެނުނު އިރު، ކޭންގެ ގޯލަކާއި ހަތަރު އެސިސްޓް ފެނިގެންދިޔައެވެ.

މެޗު ނިމުމުން މޮޅު ކުޅުންތެރިޔަކަށް ހޮވުނު ސަން އިންޓަވިއު ދެމުންދަނިކޮށް، ސަންގެ ކައިރިއަށް ޖެހިލައި މޮރީނިއޯ ބުނީ "މޮޅު ކުޅުންތެރިޔަކީ ކޭން،" މިހެންނެވެ. ސަންއަށްވެސް ހިނި އައި މަންޒަރު ފެނުނެވެ. ސަންވެސް ވަނީ އިންޓަވިއުގައި އެކަމަށް އެއްބެސްވެފައެވެ.

"ޕްރިމިއާ ލީގު މެޗެއްގައި ހަތަރު ގޯލް ޖެހުމަކީ އުފާވާނެ ކަމެއް. އެކަންވީ ކޭންގެ ބޮޑު އެހީތެރިކަމަކާއެކު. ކޭންއަށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހައްގު،" މެޗަށްފަހު ސަން ބުނެފައިވެއެވެ.

ސްޕާސްއިން ކްލަބުގެ ކުރީގެ ތަރި ބޭލް އަނބުރާ ގެނެސްފައިވާ އިރު، ރޭގެ މެޗުގައި ޑެލީ އަލީ ފެނިގެން ގޮސްފައެއް ނުވެއެވެ. ރިޕޯޓްތައް ބުނެފައިވާގޮތުން ޕީއެސްޖީން އަންނަނީ އަލީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެކަމަށް ޓޮޓެންހަމްއިން އެއްބަސްވާނެ ކަމަށް ބެލެވެއެވެ.