އެންމެފަހުގެ ސްޕެނިޝް ލަލީގާ ޗެމްޕިއަން ރެއާލް މެޑްރިޑުން މި ސީޒަންގެ ލީގުގައި ކުޅުނު ފުރަތަމަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ރެއާލް ސޮސިއެދާދާ ދެކޮޅަށް ރޭ ރަށުން ބޭރުގައި ކުޅުނު މެޗު ނިމުނީ 0-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ރެއާލްގެ ފަރާތުން އެޓީމުގެ ހަލުވި އެޓޭކިން ކުޅުން ފެނިގެން ދިޔައީ މަދު ފަހަރެއްގައެވެ.
ޒައިނުއްދީން ޒިދާންގެ ކޯޗުކަމުގައި މިދިޔަ ސީޒަންގެ ލީގު ރެއާލްއިން ކާމިޔާބުކޮށްފައިވާ އިރު، އެޓީމުން މިދިޔަ ސީޒަނުގައި ބޮޑު ތަފާތެއް ދެއްކީ ކޮވިޑް 19ގެ ބްރޭކަށް ފަހުގައެވެ. ސީޒަން ނިމުނުއިރު ރެއާލް ރަނގަޅު ފޯމެއްގައި އޮތުމުން ބޮޑަށް ބެލެވުނީ މި ސީޒަންވެސް މޮޅަކާއެކު ފަށާނެ ކަމަށެވެ. އެހެންނަމަވެސް ރޭގެ މެޗުގައި އެ ފޯމު ރެއާލްގެ ފަރާތުން ފެނިފައެއް ނުވެއެވެ.
އެހެން ޓީމުތަކަށްވުރެ ހަފުތާއެއް ފަހުން ރެއާލްއިން ލީގު ފަށާފައިވާ އިރު، ރޭގެ މެޗަށް ޒިދާން ވަނީ ޒުވާން މާޓެން އޮޑެގާޓް ރެއާލް ޖާޒީގައި ނެރެފައެވެ. ރެއާލް ކުޅުންތެރިއެއްގެ ގޮތުގައި މިދިޔަ ސީޒަން އެއްކޮށް އޮޑެގާޑް ހޭދަކުރީ ލޯން އެއްބަސްވުމެއްގައި ރެއާލް ސޮސިއެދާދުގައެވެ. ނިމިދިޔަ ސީޒަނުގައި އޭނާ ސޮސިއެދާދުގައި ވިދާލި އިރު، ސޮސިއެދާދުގެ މެދުތެރެއިން ފެނުނީ ކްލަބުގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ޑޭވިޑް ސިލްވާއެވެ. މެންޗެސްޓާ ސިޓީގައި އެތައް ސީޒަނެއް ހޭދަކުރުމަށްފަހު ސިލްވާ އެނބުރި ސޮސިއެދާދަށް ދިޔައީ އެތައް ކާމިޔާބީތަކަކާއެކުގައެވެ.
މެޗުގައި ރެއާލްއަށް ލިބުނު ފުރުސަތުތަކަށް ބަލާ އިރު، ކަރިމް ބެންޒެމާ ފޮނުވާލި ހަމަލާ މަތަކޮށް ބޭރުކޮށްލީ ސޮސިއެދާދުގެ ގޯލްކީޕަރު އެލެކްސް ރެމިރޯއެވެ. އޭގެ ފަހުން ކަވަހާލް ދުރުން ފޮނުވާލި ހަމަލާ ސީދާ ގޯލްކީޕަރު އަތަށް ދިޔަ އިރު، ޓޯނީ ކްރޫސްގެ ހަމަލާ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
ރެއާލްއިން ރޭގެ މެޗަށް ނުކުތީ އަނިޔާގައި ހުރި އެޑެން ހަޒާޑް ނުލައެވެ. ކުޑަހުޅަށް އަނިޔާވެ އޭނާ ކުޅުމާ ދުރުގައި ހުރި އިރު، ގެރެތު ބޭލް ވަނީ ލޯން އެއްބަސްވުމެއްގައި ޓޮޓެންހަމްއަށް ސޮއިކޮށްފައެވެ. ރޭގެ މެޗުގައި ފެނުނީ ބްރެޒިލްގެ ޒުވާން ތަރިން ކަމަށްވާ ރޮޑްރީގޯ އަދި ވިނީސިއަސް ޖޫނިއާއެވެ. އެ ދެ ކުޅުންތެރިންނަށްވެސް ރޭގެ މެޗުގައި އެންމެ އެކަށޭނެ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ