ޚަބަރު

ސިއްހީ ހިދުމަތްތެރިން ކަޅު ބޭންޑު އަޅައިގެން ހިމޭން އިހުތިޖާޖެއްކޮށްފި

ސިއްހީ ހިދުމަތްތެރިން ތަފާތު ގޮތަަށް އިއްޔެ އިހުތިޖާޖެއް ކުރިއަށް ގެންގޮސްފި އެވެ.

ވަޒީފާގެ ކުރިއެރުން ލިބޭނެ ގޮތެއް ހަދައިދިނުމަށާއި އަބުރުވެރި ދިރިއުޅުމެއް ބޭނުން ކަމަށްބުނެ ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ވަރަށް ގިނަ ސިއްހީ ހިދުމަތްތެރިން ބައިވެރިވެފައިވެ އެވެ.

ހިމޭން އިހުތިޖާޖެއްގެ ގޮތުގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ބައިވެރިން ތިބީ ކަޅު ބޭންޑެއް އަޅައިގެނެވެ. މި އިހުތިޖާޖުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިން ބައިވެރިވެފައިވެ އެވެ.

އިއްޔެ ކުރިއަށް ގެންދިޔަ އެ އިހުތިޖާޖުގައި ބައިވެރިވި ސިއްހީ ހިދުމަތްތެރިން ވަނީ ހާއްސަ މެސެޖަކާއެކު ކަޅު ބޭންޑް އަޅައިގެން ތިބި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

ފޮޓޯއާއެކު ހިއްސާ ކޮށްފައިވާ މެސެޖުގައި ވަނީ "ރައްޔިތުންނަށް ހިދުމަތް ކުރުން، އަހަރެންގެ ޝަރަފު، ވަޒީފާގެ ކުރިއެރުން ލިބޭނެ ގޮތެއް އަދި އަބުރުވެެރި ދިރިއުޅުމެއް ބޭނުން،" ކަމަށެވެ.

އިހުތިޖާޖު އިންތިޒާމު ކުރި މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން އިން ބުނީ ރައްޔިތުންނަށް ހިދުމަތް ކުރުމަކީ އަބަދުވެސް ސިއްހީ ހިދުމަތްތެރިންނަށް ލިބޭ ޝަރަފެއް ކަމަށާއި ނަމަވެސް އެންމެހާ އަސާސީ ހައްގުތައް ކަމަށްވާ ކުރިއެރުން ލިބޭ ވަޒީފާގެ އޮނިގަނޑު ނެތުމުން ދިރިއުޅުމަށް އަސަރުކުރާ ކަމަށެވެ.

ކޮވިޑާ ގުޅިގެން ސިއްހީ ހިދުމަތްތެރިންނަށް އެކަށީގެންވާ އެލަވަންސެއް ދީފައި ނުވާ ކަމަށް ބުނެ މީގެ ކުރިންވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. ހުޅުމާލެ ހޮސްޕިޓަލުގެ ނަރުހުން ވަނީ އެކަމާ ގުޅިގެން އިހުތިޖާޖުވެސް ކޮށްފަ އެވެ.