ހިޔާ މަޝްރޫއު ފްލެޓްތަކުގެ ތެރެއިން ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް ހާއްސަ ކެޓަގަރީން ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު މިއަދު އާންމުކޮށްފި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ފްލެޓުތަކުގެ މައްސަލަ ބަލަން އެކުލަވާލި ކޮމިޓީން އަންނަނީ ކުރަމުންނެވެ.
އެ ކޮމިޓީން މިއަދު ވަނީ ދަފްތަރު ކެޓަގަރީން ފްލެޓަށް އެދި ހުށަހެޅި މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެ ލިސްޓުގައި ފްލެޓަށް ހުށަހެޅި މީހުންނަށް ޕޮއިންޓް ލިބުނު ގޮތާއި އެމީހުންގެ ވަނަވަރުވެސް ހިމަނާފައިވެއެވެ. އަދި ޝަރުތު ހަމަވި މީހުންގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށް ނުގެންދެވުނު ފަރާތްތައް ސަބަބާއެކު ވަގުތީ ލިސްޓުގައި ފާހަގަކޮށްފައިވާ އިރު، ޝަރުތު ހަމަނުވާ ފަރާތްތަކުގެ ލިސްޓެއް ވެސް ސަބަބު ބަޔާންކޮށް ވަނީ އާންމުކޮށްފައެވެ.
އެ ލިސްޓުގައިވާ ގޮތުން ފްލެޓަށް އެދުނު މީހުންގެ ތެރެއިން 25 މީހުންނަކީ ޝަރުތު ހަމަނުވާ މީހުންނެވެ.
ފްލެޓު ކޮމިޓީން ބުނީ، އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މާދަމާ އިން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައިވާ ކަމަށާއި ލިސްޓަށް ޝަކުވާ ހުށަހެޅޭނީ https://hcp.presidency.gov.mv/ މެދުވެރިކޮށް ކަމަށެވެ.
މިހާތަނަށް އެ ކޮމިޓީން ވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ (H4)، ޓީޗަރުންނަށް ހާއްސަ (H5)، މާލޭ ރަށްވެހިންނަށް ހާއްސަ (H8) އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ (H10) ކެޓަގަރީގެ ފްލެޓާ ގުޅޭ ވަގުތީ ލިސްޓުވެސް އާންމުކޮށްފައެވެ. އެ ލިސްޓުތަކަށް ޖުމުލަ 3068 ޝަކުވާ ވަނީ ހުށަޅައިފައެވެ.
ފްލެޓް ކޮމިޓީން ބުނީ "ހިޔާ" މަޝްރޫއުގެ އެހެން ކެޓަގަރީތަކުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ވަގުތީ ލިސްޓް އިއުލާނު ކުރާނެ ކަމަށެވެ.
ހިޔާ މަޝްރޫއުގެ ފްލެޓުތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދުމަށް 3010718 އަށް ގުޅުމަށްވެސް ފްލެޓު ކޮމިޓީން އެދެއެވެ.
H9 - ދަފްތަރު ކެޓަގަރީ ވަގުތީ ލިސްޓު: https://www.gazette.gov.mv/iulaan/download-attachment/25025
H9 - ދަފްތަރު ކެޓަގަރީ ޝަރުތުހަމަނުވާ ފަރާތްތަކުގެ ވަގުތީ ލިސްޓު:
ޚަބަރު
ޚަބަރު
ޚަބަރު