ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މެސެޖެއް ނުކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވެގެން ބައެއް ފަރާތްތަކަށް އެޗްޕީއޭ އިން މެސެޖު ފޮނުވާކަމުގެ ޝަކުވާ ލިބޭ ކަމަށާއި ނަމަވެސް ބައްޔަށް ޕޮޒިޓިވް ވެގެން އެ އެޖެންސީން މެސެޖެއް ނުކުރާނެ ކަމަށެވެ. ކޮވިޑަށް ޕޮޒިޓިވްވިކަން އަންގަން ގުޅާނީ އައިޖީއެމްއެޗުގެ ސީމެޓިކް ޓީމުން ކަމަށާއި އަދި ކޮންޓެކްޓް ޓްރޭސިން އަށާއި ފެސިލިޓީއަށް ގެންދަން ގުޅާނީ އެޗްއީއޯސީން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ އެޗްޕީއޭގެ ނަމުގައި ބައެއް ފަރާތްތަކަށް މެސެޖު ދާކަން. އެހެން ނަމަވެސް ސީދާ އެޗްޕީއޭއަކުން ނޫން. އަޅުގަނޑުމެން ކުރިން ވެސް ދަންނަވާފައިވާނެ އެއްވެސް ބޭފުޅަކު ކޮވިޑަށް ޕޮޒިޓިވް ވެގެން އެޗްޕީއޭ އަކުން މެސެޖެއް ނުކުރާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ބައެއް ސާމްޕަލްތައް ސިސްޓަމަށް އެޅި އިރު، ނުބައި ނަތީޖާއެއް އެޅިފައިވާކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ، ކޮންމެ ދުވަހަކު ކޭސްތަކުގެ ނަތީޖާ އަޅާއިރު، އެފަދަ މައްސަލަތައް މަދުން ނަމަވެސް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަންކަން ރަނގަޅު ކުރެވި އަލުން އެމީހަކަށް އަންގާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު