ކުލަސްޓާތަކާ ގުޅުމެއް ނެތް ކޭސްތަކާއި ފުލޫ ކުލިނިކުން ނަގާ ސާމްޕަލްތަކުން ޕޮޒިޓިވްވާ އަދަދު ދަށްވެފައިވާ ކަމަށް ޑރ. އަހުމަދު ސަހީދު ވިދާޅުވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ސަހީދު ވިދާޅުވީ، ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅުތަކަށް ރައްޔިތުން ބޯލެނބުމުން ކޮންމެވެސް ވަރެއްގެ ހެޔޮ ބަދަލުތަކެއް މިހާރު ފެންނަމުން އަންނަ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން އަންނަ ކަމަށާއި އަދި ކޮންމެ ހަފްތާއެއްގައި އެކުލަވާލައި ސްކޯ އޮގަސްޓް މަހާ އަޅައިބަލާއިރު ދަށްވެފައިވާ ކަމަށް ވިދާޅުވި އެވެ.
ކޮންމެ ހަފްތާއަކު ވެސް އެޕިޑެމިކް މޮނީޓަރިން ކުރިއަށް ގެންދާކަން ފާހަގަކުރައްވައި ޑރ. ސަހީދު ވިދާޅުވީ ފުލޫ ކުލިނިކުތަކުން ނަގާ ސާމްޕަލްތައް ޕޮޒިޓިވްވާ އަދަދު އޮގަސްޓް މަހުގައި ހުރީ 18 ޕަސެންޓާއި 20 ޕަސެންޓާ ދެމެދު ކަމަށާއި ނަމަވެސް މިމަހު އެ އަދަދު 13 ޕަސެންޓަށް ދަށްވެފައިވާ ކަމަށެވެ. އަދި އޮގަސްޓް މަހާ އަޅައިބަލާއިރު، މި މަހުގެ ފުރަތަމަ ދެ ހަފްތާގައި ކުލިނިކުތަކުން ނަގާ ސާމްޕަލްތަކުން ޕޮޒިޓިވްވާ އަދަދު ދަށްވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން ކުލަސްޓާތަކާ ގުޅުމެއް ނެތް ކޭސްތައް ފެންނަ މިންވަރު މިމަހުގެ ތެރޭގައި ދަށްވެ، ވޭތުވެދިޔަ ތިން ހަފްތާ ތެރޭގައި އެއްވަރެއްގައި ހިފެހެއްޓިފައިވާކަން ވެސް ޑރ، ސަހީދު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އޮގަސްޓް މަހުގައި ކޭސްތައް އިތުރުވެ ބެޑް އޮކިއުޕެންސީ މައްޗަށް ދިޔަ ނަމަވެސް މިމަހު އެ އަދަދު ވެސް ދަށްވެފައިވާ ކަމަށެވެ.
"ކްލަސްޓާތަކާ ގުޅުމެއް ނެތް ކޭސްތަކުގެ އަދަދު މިދިޔަ ތިން ހަފްތާގައި ވަނީ ކޮންމެ ވެސް ވަރެއްގައި ހިފެހެއްޓިފައި. 30 ޕަސެންޓާއި 35 ޕަސެންޓާ ދެމެދު. މި އަދަދު އޮގަސްޓް މަހުގައި ހުރީ ވަރަށް މަތީގައި،" ޑރ. ސަހީދު ވިދާޅުވި އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު