އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ފުރަތަމަ ނިއުރޯ ސާޖަރީ ކާމިޔާބު ކަމާއެކީ ކޮށްފިއެވެ.

އޭޑީކޭގެ އެހީތެރިކަމާއެކު އޭއީއެޗްގައި މި ސާޖަރީ ކޮށްފައިވަނީ އިއްޔެރޭގެ ވަގުތެއްގައެވެ. އެ ސާޖަރީ ކޮށްފައިވަނީ ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން ސިކުނޑިއަށް ލޭ ފައިބާފައިވާ 62 އަހަރުގެ މީހެއްގެ އެވެ.

އޭޑީކޭއިން ބުނީ އެމީހާގެ ބޮލަށް ލިބިފައިވާ އަނިޔާގެ ސަބަބުން މާލެ ގެނައުމަށް ރައްކާތެރި ނުވުމުން އަވަހަށް އޮޕަރޭޝަން ކުރުމަށްޓަކައި އޭޑީކޭގެ ނިއުރޯ ޓީމެއް ސިއްހީ ސާމާނާއެކު އައްޑޫ އަށް ފޮނުވާފައިވާ ކަމަށެވެ.

އޭއީއެޗް އިން އެދުމުން އޭޑީކޭގެ ނިއުރޯ ސާޖަން ޑރ. އަލީ ނިޔާފާއި ނިއުރޯ ސްކްރަބް ނާސް ޝަމޫނާ އަލީ އަދި ކްރިޓިކަލް ކެއާ މެޑިކަލް އޮފިސަރު ޑރ. އަދީލް ޝަރީފް އިއްޔެރޭ 9:50 ގައި އައްޑޫއަށް ފުރި ކަމަށާއި އެގޮތުން އެރޭ 11:45 ހާއިރު އެމީހާގެ އޮޕަރޭޝަން ކޮށްފައިވާ ކަމަށާއި އެ އޮޕަރޭޝަން ކާމިޔާބު ކަމަށް އޭޑީކޭއިން ބުންޏެވެ.

އޮޕަރޭޝަނަށްފަހު އެމީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށާއި އިއްޔެރޭ ފަތިހުގެ ވަގުތެއްގައި އިތުރު ފަރުވާއަށް މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް އެހޮސްޕިޓަލުން ބުންޏެވެ.