އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި ކާނާ ވިހަވެގެން އެޑްމިޓް ކުރި 31 ދަރިވަރުންގެ ތެރެއިން މިހާރު ފަރުވާ ދެނީ ދެ ދަރިވަރުންނަށް ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އިން ބުނެފިއެވެ.
އައްޑޫ ސިޓީ ފޭދޫ ސްކޫލުގެ 31 ކެޑޭޓް ދަރިވަރަކު ކާނާ ވިހަވެގެން ފަރުވާދޭން ފެށީ އިއްޔެއެވެ.
ކާނާ ވިހަވެގެން މަރަދޫ ސިއްހީ މަރުކަޒުގައި 12 ދަރިވަރަކަށާއި ފޭދޫ ސިއްހީ މަރުކަޒުގައި 12 ދަރިވަރެއްގެ އިތުރުން، އޭއީއެޗްގައި ހަތް ކެޑޭޓް ދަރިވަރަކު އެޑްމިޓް ކުރިއެވެ.
އޭއީއެޗްގެ ކަސްޓަމާ ރިލޭޝަންސް އޮފިސަރު އަބްދުﷲ ވަހީދު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ކާނާ ވިހަވެގެން މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮސްގެން ފަރުވާ ދެނީ ދެ ކުދިންނަށް ކަމަށެވެ.
އެކުދިން ކާނާ ވިހަވި ސަބަބު ދެނެގަންނަން ފުލުހުން ވަނީ ސާންޕަލް ނަގާފައި ކަމަށާއި ޓެސްޓް ކުރުމުގެ ކަންކަން ކުރިޔަށްގެންދާ ކަމަށް ވެސް އަބްދުﷲ ވަހީދު ވިދާޅުވިއެވެ.
އެ މައްސަލައި އިތުރު ތަފްސީލު މީޑިޔާތަކަށް ހިއްސާ ކުރާނެ ކަމަށް ފުލުހުން "ވަން" އަށް މިއަދު ބުންޏެވެ.
އައްޑޫ ސިޓީގެ ކެޑޭޓް ކޭމްޕުގައި ބައިވެރިވި ބައެއް ދަރިވަރުންނަށް ކާނާ ވިހަވި މައްސަލަ ހައްސާސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވަނީ ކަމާ ބެހޭ އިދާރާތަކަށް ގޮވާލައިފައެވެ.
އެޗްއާރުސީއެމުން ރޭ އެކްސްގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކޭމްޕުގައި ބައިވެރިވި ކުދިންނަށް ކާނާ ވިހަވެ، އޭގެ ތެރެއިން ބައެއް ކުދިންގެ ހާލު ދެރަވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭން ޖެހުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިހާރު މި މައްސަލަ އެ ކޮމިޝަނުން ވަރަށް ގާތުން މޮނިޓާކުރަމުންދާ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
އެކަން ހިނގައިދިޔަ ގޮތް ތަހުގީގުކުރުމުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ތަކުރާރުނުވާނެ ގޮތެއްގެ މަތިން ކަންކަން ބައްޓަންކޮށް ބެލެހެއްޓުމަށްވެސް އެ ކޮމިޝަނުން ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފައެވެ.
ފާތިމަތު ލިއުޝާ
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް
ކޮމެންޓް