އައްޑޫ ސިޓީ ފޭދޫ ސްކޫލުގެ 31 ކެޑޭޓް ދަރިވަރަކު ކާނާ ވިހަވެގެން ފަރުވާދޭން ފަށައިފިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ކަސްޓަމާ ރިލޭޝަންސް އޮފިސަރު އަބްދުﷲ ވަހީދު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ކާނާ ވިހަވެގެން މަރަދޫ ސިއްހީ މަރުކަޒުގައި 12 ދަރިވަރަކަށާއި، ފޭދޫ ސިއްހީ މަރުކަޒުގައި 12 ދަރިވަރެއްގެ އިތުރުން، އޭއީއެޗްގައި ހަތް ކެޑޭޓް ދަރިވަރަކަށް ފަރުވާ ދެމުންދާ ކަމަށެވެ.

"ކެޑޭޓް ކުދިންގެ ކިބައިން ފެނިފައިވާ ސިމްޓަމްސްގެ ތެރޭގައި ބަނޑުގައި ރިއްސުމާއި، ހޮޑުލުމާއެކު ފާހަނާއަށް ދިއުން ހިމެނޭ،" އަބްދުﷲ ވަހީދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ކުދިން ކައިފައިވަނީ ކޮންތަނަކުން ގެނައި ކޮން ކަހަލަ ކާނާއެއްކަމެއް އެ ހޮސްޕިޓަލަށް މިހާތަނަށް އެނގިފައިނުވާ ކަމަށެވެ.

މި ހަފުތާ އާދިއްތަ އަދި ހޯމަ ދުވަހަކީ ގިނަ ސްކޫތަކެއްގައި ސްކައުޓާއި ގާލްގައިޑް އަދި ކެޑޭޓް ކުދިންގެ ކުރިއެރުމަށް ދެ ދުވަހަށް ކޭމްޕްތައް ކުރިއަށްގެންދާ ދުވަސްތަކެކެވެ. އަދި މި ކޭމްޕްތަކަށް ކާތަކެތި ގެންނަނީ ބެލެނިވެރިން އަތުން ނަގާ ފައިސާއިން، އެ ކަމާ ހަވާވެ ހުންނަ ކޮންމެވެސް ބެލެނިވެރިންގެ ގްރޫޕެކެވެ. ނުވަތަ ބައެއް ސްކޫލުތަކުން ބެލެނިވެރިން އަތުން ފައިސާ ނަގައިގެން ރެސްޓޯރަންޓްތަކަށް ފައިސާ ހަވާލުކުރުމަށްފަހު ވަކި ވަގުތުތަކަކަށް ކާނާ ސްކޫލަށް ގެނެއެވެ.