ގދ. ހޯނޑެއްދޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު 23 މީހަކު ބަލިން ރަނގަޅުވެ، ރަނގަޅުވީ މީހުންގެ ޖުމުލަ އަދަދު 27 އަށް އަރައިފިއެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ރާއްޖެއިން މިއަދު ބަލިން ރަނގަޅުވި 44 މީހުންގެ ތެރެއިން 23 މީހަކީ ހޯޑެއްދޫން ޕޮޒިޓިވްވެ، ބަލިން ރަނގަޅުވި މީހުން ކަމަށެވެ. މީގެ ކުރިން އެ ރަށުން ޕޮޒިޓިވްވި ހަތަރު މީހަކު ވަނީ ރަނގަޅުވެފައެވެ.

ހޯނޑެއްދޫގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 44 އަށް އަރާފައިވާ އިރު، މިހާރު އެރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 15 މީހުންނެވެ. އަދި ދެ މީހަކަށް ގއ. އަތޮޅު ކޮވިޑް ފެސިލިޓީގައި އަންނަނީ ފަރުވާދެމުންނެވެ.

ހޯޑެއްދޫން މިހާތަނަށް ވަނީ ރެންޑަމް ސާމްޕަލްއާ އެއްކޮށް 344 ސާމްޕަލް ނަގައިފައެވެ. އޭގެ ތެރެއިން 250 ސާމްޕަލް ނެގެޓިވްވެފައިވާ އިރު، 44 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އަދި 50 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.

ހޯނޑެއްދޫގެ އިތުރުން ރާއްޖޭގެ 20 ރަށެއްގައި މިހާރު އެކްޓިވް ކޭސްތައް އެބަ އުޅެއެވެ. އަދި ރާއްޖޭގެ 27 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސް އެބަ އުޅެއެވެ.

ހޯނޑެއްދޫން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްތައް ފެނިިފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ. އެ ދުވަހު ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ތިބި އެއް އާއިލާއެއްގެ ހަތަރު މީހެކެވެ. އޭގެ ފަހުން އެރަށުގެ އިތުރު ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. އަދި އޭގެ ފަހުން އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި ބައެއް މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން އަންނަނީ ހޯނޑެއްދޫގައި ކޮވިޑް ފެތުރުނު ގޮތް ދެނެގަތުމަށް ހާއްސަ ތަހުގީގެއް ކުރިއަށްގެންދަމުންނެވެ. މިހާތަނަށް އައިއިރު އެރަށަށް ބަލި ފެތުރުނީ ސީދާ ކޮން ގޮތަކުން ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އެރަށުން ޕޮޒިޓިވްވާ އެންމެންނަކީވެސް އެކަކު އަނެކަކާ ގުޅުން އޮންނަ މީހުންނެވެ. އެހެންކަމުން އެރަށުގައި އޮތީ ލޯކަލް ޓްރާންސްމިޝަނެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.