ގދ. ހޯނޑެއްދޫން ކޮވިޑް 19އަށް މިހާތަނަށް 44 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން ހަތަރު މީހަކު ބަލިން ފަސޭހަވެއްޖެއެވެ.
ހޯނޑެއްދޫން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 44 އަށް އަރާފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވަނީ "ވަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.
ހޯނޑެއްދޫ ސިއްހީ މަރުކަޒުގެ ޑޭޝްބޯޑުން ދައްކާ ގޮތުގައި އެރަށުން ބަލި ޖެހުނު މީހުންގެ ތެރެއިން ހަތަރު މީހަކު މިހާރު ވަނީ ބަލިން ފަސޭހަވެފައެވެ. އެއާއެކު އެރަށުގައި މިހާރު ތިބީ ބައްޔަށް ޕޮޒިޓިވް 38 މީހުންނެވެ. އަދި ދެމީހަކަށް އަންނަނީ ގއ. އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންނެވެ. އެ ދެމީހުންނަކީވެސް އުމުރުން ދުވަސްވީ ދެމީހުންނެވެ.
ކޮވިޑް 19އާ ގުޅިގެން އެރަށުގެ 32 ގެއެއް ވަނީ މޮނިޓަރިންއަށް ލައިފައެވެ. އެރަށުން މިހާތަނަށް 344 ސާމްޕަލް ނަގާފައިވާ އިރު، 50 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.
ހޯނޑެއްދޫން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްތައް ފެނިިފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ. އެ ދުވަހު ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ތިބި އެއް އާއިލާއެއްގެ ހަތަރު މީހެކެވެ. އޭގެ ފަހުން އެރަށުގެ އިތުރު ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. އަދި އޭގެ ފަހުން އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި ބައެއް މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭއިން އަންނަނީ ހޯނޑެއްދޫގައި ކޮވިޑް ފެތުރުނު ގޮތް ދެނެގަތުމަށް ހާއްސަ އިންވެސްޓިގޭޝަނެއް ކުރިއަށްގެންދަމުންނެވެ. މިހާތަނަށް އައިއިރު އެރަށަށް ބަލި ފެތުރުނީ ސީދާ ކޮން ގޮތަކުން ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އެރަށުން ޕޮޒިޓިވްވާ އެންމެންނަކީވެސް އެކަކު އަނެކަކާ ގުޅުން އޮންނަ މީހުންނެވެ. އެހެންކަމުން އެރަށުގައި އޮތީ ލޯކަލް ޓްރާންސްމިޝަނެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު