ޚަބަރު

ވާޗުއަލްކޮށް މަޖިލިސް ނުބޭއްވޭނެ، ހޫނު ބަހުސްތައް ނުކުރެވޭނަމަ ރައްޔިތުން ދޭ ސަމާލުކަން ގެއްލޭ: ނަޝީދު

ވާޗުއަލްކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށްނުގެންދެވޭނެ ކަމަށާއި ހޫނު ބަހުސްތައް ނުކުރެވޭނަމަ ރައްޔިތުން ދޭ ސަމާލުކަން ގެއްލޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ޑިމޮކްރަސީ ވީކްގެ ހައި ލެވަލް ސެޝަންގައި އިއްޔެ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ހާލަތުގައި ވެސް ކޮވިޑާ ގުޅިގެން ސަރުކާރަށް ބޭނުންވި އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ވާޗުއަލްކޮށް ޖަލްސާތައް ބޭއްވި ފުރަތަމަ މަޖިލިސް. ކޮވިޑާ ގުޅިގެން ސަރުކާރަށް އިތުރަށް ބޭނުންވާ ފައިސާ ހޯދޭނެ މަގު ފަހިކޮށްދިނިން. އަދި އޮޑިޓާ ޖެނެރަލް މެދުވެރިކޮށް، އެ ފައިސާ ބޭނުންކުރަނީ ރަނގަޅަށްތޯ ބެލުނު. އެއީ ގުޑް ގަވަނަންސްއަށް ވަރަށް މުހިންމު ކަމެއް. އެއީ ރައްޔިތުންގެ ފައިސާ. އެހެންކަމުން އަޅުގަނޑުމެންނަށް ބޭނުންހާ ކަމެއް ފައިސާއަކުން ނުކުރެވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝިދު ވިދާޅުވީ ލޮކްޑައުންގެ ތެރޭގައި މަޖިލިސްގެ ޖަލްސާތައް ވާޗުއަލްކޮށް ބޭއްވުމަށްފަހު، ޖަލްސާތައް މަޖިލިސް ތަޅުމަށް ބަދަލުކުރީ މަސައްކަތްތައް ތަޅުމުގައި ކުރިއަށްގެންދަން ޖެހޭކަން ރައްޔިތުންނަށް ގަބޫލުކުރެވުނީމަ ކަމަށާއި މަޖިލީހެއްގެ އެންމެ މުހިންމު ބައި ކަމަށްވާ ހޫނު ބަހުސްތައް ވާޗުއަލްކޮށް ކުރިއަށްނުގެންދެވޭ ކަމަށެވެ.

"ބަހުސެއްގައި ބަހުގެ ހަމަލާތައް ރައްދުކުރުމާއި މަޖިލިސް ރައީސަށް ރައްދުވާ ގޮތަށް ވާހަކަދެއްކުން ހިމެނޭނެ. އެގޮތަށް އެކަންކަން ކުރިއަށް ނުގެންދެވޭ ނަމަ، މަޖިލީހަށް ރައްޔިތުން ދޭ ސަމާލުކަން ގެއްލިގެންދޭ. އަޅުގަނޑުމެން ޖެހޭ މަޖިލިސް ކުރިއަށްދާ ގޮތަކީ ރައްޔިތުން ބަލާނެ ތަނަކަށް ހަދަން. ލައިވްކޮށް ބެލޭނެ އިންތިޒާމުތައް ވެސް ހަމަޖައްސައިދޭން ޖެހޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ގޮންޖެހުންތަކާއެކު ވެސް ޕެންޑަމިކުގައި ދަސްވެގެންދިޔަ އެންމެ މުހިންމު އެއް ކަމަކީ އެފަދަ އުނދަގޫ ހާލަތްތަކުގައި ވެސް ދައުލަތް ހިންގޭނެ ގޮތްތައް ކަމަށާއި ނަމަވެސް ވާޗުއަލްކޮށް މަޖިލިސް އެންމެ ރަނގަޅަށް ހިންގިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.