ޓޫރިޒަމް މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ އައިޝަތު ސޫޒަން ހަނީފް ސަސްޕެންޑްކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނީ، ސޫޒަންއާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކެއް ބެލުމަށާއި އެ ކޮމިޝަންގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީގައި ހިންގި ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން އިދާރީ ގޮތުން ބަލަންޖެހޭ މައްސަލަތައް ބަލައި ނިމެންދެން ސޫޒަން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އޭނާ ސަސްޕެންޑްކުރީ މުސާރަ ލިބޭގޮތަށް މިއަދުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ޕީއެސް ކަމަށް އައްޔަންކުރި ސޫޒަންގެ ޝަކުވާތަކެއް ބަލައި ދިނުމަށް ސީއެސްސީއަށް ހުށަހެޅީ ޓޫރިޒަމް މިނިސްޓްރީގެ 26 މުވައްޒަފެކެވެ.
ސީއެސްސީގެ ރައީސް މުހައްމަދު ނާސިހަށް ފޮނުވި ސިޓީގައި ސޫޒަންގެ ކިބައިގައި މަގާމު އަދާކުރުމުގެ ގާބިލުކަން ހުރިކަމާމެދު ސުވާލު އުފައްދައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ މައުލޫމާތުތައް ސޫޒަންގެ ކިބައިގައި ނެތް ކަމަށާއި ޕީއެސްގެ މަސްއޫލިއްޔަތުތައް ވެސް ސޫޒަން ފުރިހަމަ ނުކުރާ ކަމަށް އެ ސިޓީގައިވެ އެވެ.
އޭގެ އިތުރުން މުވައްޒަފުންގެ މެދުގައި ސޫޒަން ތަފާތުކުރުން ގެންގުޅޭ ކަމަށާއި ބައެއް އިސްވެރިންނާއި މުވައްޒަފުންނާ ދެމެދު މަސްލަހަތު ގެއްލި މައްސަލަތަކެއް އުފެދޭ ގޮތަށް ސުޒަން މުއާމަލާތްތައްވެސް ކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް