ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ނޮވެމްބަރުގައި ހުޅުވޭވަރު ވާނެ: މިނިސްޓަރު މައުސޫމް

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ނޮވެމްބަރު މަހު ހުޅުވޭވަރު ވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ނެރެފައިވާ "ސޭފް ޓުއަރިޒަމް ގައިޑްލައިން"ގައިވާ ގޮތުން މިދިޔަ މަހުގެ ތެރޭގައި ގެސްޓްހައުސްތައް ހުޅުވައިލަން ނިންމި ނަމަވެސް ސަރުކާރުން ފަހުން ވަނީ ގެސްޓްހައުސްތައް ހުޅުވުން ފަސްކޮށްފަ އެވެ. މިހާރު ގެސްޓްހައުސްތައް ހުޅުވަން ނިންމާފައިވަނީ އަންނަ މަހުގެ 15 ގައެވެ.

ނަމަވެސް އެދުވަހުން ފެށިގެން ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭން ނިންމާފައިވަނީ ގްރޭޓާ މާލެ ސަރަހައްދު ފިޔަވައި އެހެން ހިސާބުތަކަށެވެ.

މިނިސްޓަރު މައުސޫމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލެ، ހުޅުމާލެ އަދި ވިލިމާލެ ސަރަހައްދުގެ ހޮޓާތަކާއި ގެސްޓްހައުސް އަދި ޓޫރިސްޓް ފެސިލިޓީތައް ނޮވެމްބަރު މަހުގެ ކުރީކޮޅު ހުޅުވޭވަރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެކަމަށް ބޭނުންވަނީ ވިދިވިދިގެން ދެ ހަފްތާ ވަންދެން ޕޮޒިޓިވް ކޭސްގެ އަދަދު ފަސް ޕަސެންޓަށްވުރެ ދަށުގައި ހިފެހެއްޓުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ކުރިން ވިދާޅުވި ގޮތުގައި އަންނަ މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވަން ނިންމި ނަމަވެސް އެކަމަކީ ވަރަށް ގޮންޖެހުން ބޮޑު ނިންމުމެކެވެ. ނަމަވެސް މިކަން ދައްކަން ބޭނުންވަނީ ދުނިޔެއަށް ނަމޫނާއެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގެސްޓްހައުސްތަކަށް ދާ ޓޫރިސްޓުން ވެސް ރާއްޖޭން ފުރާނަމަ ޓެސްޓު ހަދަން މަޖުބޫރުވާނެ ކަމަށާއި އެގޮތުން ޕްރައިވެޓްކޮށް ޓެސްޓް ހަދަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަން ހެލްތު މިނިސްޓްރީން މިހާރު ނިންމާފައިވާ ކަމަށެވެ. މިއީ ބިޒްނަސް މޮޑެލްގައި އެކަން ކުރަން ފުރުސަތެއް ކަމަށާއި އޭރުން ދުނިޔޭގައި މިކަން ކުރާ ގޮތަށް އެކަން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.