މިހާތަނަށް އެއްވެސް ސަރުކާރަކުން ފުރުސަތު ނުދޭ މިންވަރަށް އޮޑިޓާ ޖެނެރަލަށް މިނިވަން ކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށާއި އޮޑިޓުތައް ހެދުމަށް ވެސް އަމިއްލަ އެދިގެން އެކަންކަން ކުރުވަމުން ގެންދަނީ އެމްޑީޕީގެ މި ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒޭނާ ވިދާޅުވީ އޭގެން ދައްކައިދެނީ މި ސަރުކާރުން ކޮރަޕްޝަން ހުއްޓުވަން ބޭނުންވާ މިންވަރު ކަމަށާއި އެހެން އެއްވެސް ސަރުކާރަކުން އެ ފުރުސަތު އެގޮތަށް ދީފައި ނުވާ ކަމަށެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ރޭ ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި އެއްވެސް ސަރުކާރަކުން ކޮރަޕްޝަން ހުއްޓުވަން ނުކުރާހާ ގިނަ މަސައްކަތް މި ސަރުކާރުގެ މިވީ ދުވަސްތަކުގައި ކޮށްފައިވާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ވައްކަން ކުރުމަށް ހިތްވަރުދޭނެ ސަރުކާރެއް ނޫންކަމަށާއި އެކަން މިހާތަނަށްވެސް ހާމެވެފައިވާނެ ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގައި ކޮރަޕްޝަން ނައްތާލުމަށް މިހާތަނަށް ނުކުރެވޭހާ ގިނަ މަސައްކަތްތައް ކުރެވިއްޖެ. ރާއްޖޭގައި ކޮން އިރަކުތޯ ސަރުކާރަކުން އަމިއްލައަށް އިސްނަގައިގެން އޮޑިޓް ރިޕޯޓުތައް ހަދަން ބުނެ، އޮޑިޓްކޮށް މިކަންކަން ކުރަނީ؟ މީގެ ކުރިން ދުވަހަކުވެސް ކޮށްފައެއް ނޯންނާނެ. މިފަހަރު ކޮވިޑުގެ ކަންތައްތަކާ ގުޅިގެން އޮޑިޓް ރިޕޯޓުތައް މި ނުކުންނަނީ ސީދާ އެމްޑީޕީގެ 65 މެންބަރުން ހިމެނޭ ރައްޔިތުންގެ މަޖިލީހަކުން އެމްޑީޕީން އިސްނަގައިގެން އޮޑިޓް ރިޕޯޓުތައް ތައްޔާރުކުރުމަށް އެދިގެން، މުއްދަތެއް ދީގެން އެ މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓުތައް ހަދަމުން އެގެންދަނީ. އޭގެން އެނގޭ އެއްޗަކީ އަޅުގަނޑުމެންނެއް ބޭނުމެއް ނުވޭކަން މި ސަރުކާރުގެ ތެރެއިން ވައްކަން ފެނިގެންދާކަން." ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، ކޮވިޑް 19ގެ އޮޕަރޭޝަނާއި ގުޅިގެން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހިނގައިގެން އުޅޭކަން އޭނާއަށް ފެނިވަޑައިނުގަންނަވާ ކަމަށާއި ކޮވިޑްގެ ތެރޭގައި ކޮރަޕްޝަންގެ އަމަލެއްގެ ގޮތުގައި ކިރިޔާވެސް ބެލެވުނީ ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގާފައިވާ ކަންތައްތައް ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ އެނގޭތޯ މި ކޮވިޑްގެ ކަންތައްތަކާ ގުޅިގެން ތި ވިދާޅުވާ ކަހަލަގެ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ހިނގައިގެން އުޅޭ ތަނެއް." ޕްރެޒެންޓަރު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރޮޒައިނާ ވިދާޅުވިއެވެ.

އޮޑިޓް އޮފީހުން އިއްޔެ އާންމު ކުރި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ކޮވިޑް 19އާ ގުޅިގެން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓުގައި، އޮޑިޓް އޮފީހުން ފާހަގަކޮށްފައިވާ ކަންކަމަށް އަލިއަޅުވާލައްވަމުން، ރޮޒައިނާ ވިދާޅުވީ އެ ރިޕޯޓުގައިވެސް ކޮރަޕްޝަންގެ ކަމެއް ހިނގައިގެން އުޅޭކަން ފާހަކޮށްފައި ނުވާ ކަމަށާއި އޭގައިވެސް ފާހަގަކޮށްފައި ހުރީ އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންކަން ފުރިހަމަ ނުކުރެވިވާ ވާހަކަ ކަމަށެވެ.

"އެ އޮޑިޓް ރިޕޯޓުގެ އެއްވެސް ތަނަކު ނެތޭ އިނގޭތޯ ކޮރަޕްޝަންގެ ކަމެއް ހިންގައިގެން އުޅޭ ވާހަކައެއް. ނުވަތަ ގަސްތުގައި ވައްކަން ކޮށްގެން އުޅޭ ވާހަކައެއް. އެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ހުރީ އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ބައެއް ކަންކަން ފުރިހަމަ ނުކުރެވި އޮތް ވާހަކަ. ގާތްގަނޑަށް 200 މިލިއަނެއްހާ ރުފިޔާގެ ހަރަދު ކުރެވިފައިވާއިރުގައި ސުވާލު އުފެދިފައި މިވަނީ 273،000 ރުފިޔާގެ ވާހަކަ. ޕަސެންޓޭޖުން ބަލައިފިނަމަ 99.85 ޕަސަންޓް ރަނގަޅުކަމަށް މިއުޅެނީ. މީގެން 0.15 ގަ މައްސަލަ މިއުޅެނީ. ނަމަވެސް އޭގެން މައްސަލައަކު ނޫޅޭ ކޮރަޕްޝަންގެ މައްސަލައެއް." ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް ނިޒާމުގެ ތެރެއިން ކުރަން ޖެހޭ ކަންކަން މި ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެކަމަށްޓަކައި މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރިހަމަ ބާރު މި ސަރުކާރުން ދީފައިވާ ކަމަށެވެ.

ކޮވިޑާ ގުޅިގެން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހިނގައިގެން އުޅޭތަން ނުފެންނަ ކަމަށް ރޮޒައިނާ ވިދާޅުވެފައިވާއިރު، އިދިކޮޅުން އަންނަނީ ކޮވިޑުގެ ތެރޭގައި ސަރުކާރުން ބޮޑެތި ވައްކަންތަކެއް އަދި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގައިފައިވާކަމަށް ތުހުމަތުކުރަމުންނެވެ. ކޮވިޑް 19އާ ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުން ހަރަދުތައް ކުރި ގޮތުގެ ކޮމްޕްލަޔަންސް ރިޕޯޓު އޮޑިޓާ ޖެނެރަލް އާންމު ކުރަމުން އަންނައިރު، މިހާތަނަށް އާންމުކޮށްފައިވާ ރިޕޯޓުތަކުގައި މައްސަލައެއް ނުވަތަ އުސޫލުން ބޭރުން ހަރަދުތަކެއް ކޮށްފައިވާ ކަމަށް އެނގެން އޮތީ ޓޫރިޒަމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީގެ އިތުރުން އެންމެ ފަހުން ނެރުނު އެންޑީއެމްއޭގެ ކޮމްޕްލަޔަންސް ރިޕޯޓުގައެވެ.