ރައްޔިތުންގެ މަޖިލީހުގެ 33 ޕަސެންޓު ގޮނޑި އަންހެނުންނަށް ހާއްސަކުރަންޖެހޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ހުށަހެޅި ބިލެއް މަޖިލީހަށް ބަލައިގަނެފިއެވެ.
މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.
މި ބިލު ހުށަހެޅުއްވި މައިގަނޑު ބޭނުމެއްގެ ގޮތުގައި ރޮޒައިނާ ވިދާޅުވެފައިވަނީ މަޖިލީހަށް އިންތިހާބުވާ މެންބަރުންގެ ތެރޭގައި އަންހެނުންގެ ހިއްސާ ކަށަވަރު ކުރުމަށާއި ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް، ގައުމުގެ މުހިންމު ނިންމުތަކުގައި އަންހެނުންގެ ބަސް ހިމެނުމެވެ.
އަދި ރައްޔިތުންގެ މެދުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތުތަކެއް ހުޅުވާލަދީ، ސިޔާސީ މައިދާނުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުން ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
މި ބިލު މަޖިލީހަށް ބަލައިގަތީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 48 މެންބަރުންގެ ތެރެއިން 34 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލު މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިޜާސާކުރުމަށް މަޖިލިސް ރައީސް ވަނީ އެ ބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވައިފައެވެ.
- މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ މަޖިލީހުގެ މެމްބަރުންގެ އަދަދުގެ ތެރެއިން %33 ހާއްސަކުރަން ވާނީ އަންހެނުންނަށެވެ.
- މި މާއްދާގެ (ށ) ގެ ދަށުން އަންހެން މެންބަރުން އިންތިހާބު ކުރާނެ ދާއިރާތައް ކަނޑައަޅަންވާނީ ގުރުއަތުލައިގެންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަންހެން މެންބަރުން އިންތިހާބު ކުރާނެ ދާއިރާތައް ކަނޑައަޅާނީ މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ދާއިރާތައް ހަމަހަމަވާނެ އުސޫލަކުން ދައުރުވަމުންދާ ގޮތަށެވެ. އަދި މި އުސޫލު ކަނޑައަޅާނެ ގޮތް ގާނޫނަކުން ބަޔާންކުރަންވާނެއެވެ.
- މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ އެންމެހާ ދާއިރާތައް މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކޯޓާގެ ދަށުން ތަމްސީލުވެ ނިމުމުން، އެ އަކުރުގައިވާ ނިސްބަތުން އަންހެނުން ދެން އިންތިހާބު ކުރުމާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ކަނޑައަޅަންވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު