ވެކްސިން

ރަޝިޔާ އިން އުފެއްދި ކޮވިޑް ވެކްސިންގެ 100 މިލިއަން ޑޯޒް އިންޑިއާއަށް

މުހައްމަދު އައުޒަމް

ރަޝިޔާ އިން އުފެއްދި ކޮވިޑް ވެކްސިންގެ 100 މިލިއަން ޑޯޒް އިންޑިއާއަށް ސަޕްލައި ކުރުމަށް ނިންމައިފިއެވެ.

ރަޝިޔާގެ ސޮވެރިން ވެލްތު ފަންޑުން ވަނީ އިންޑިއާގެ އަމިއްލަ ފާމަސޫޓިކަލް ކުންފުނި ޑރ ރެޑީސް ލެބޯޓަރީސް އަށް 100 މިލިއަން ޑޯޒް ވިއްކުމަށް ނިންމައިފައެވެ.

ރަޝިޔާގެ ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑުން ވަނީ އިންޑިއާގެ މެނިފެކްޗަރުން މި ވެކްސިންގެ 300 މިލިއަން ޑޯޒް އުފެއްދުމަށް ވެސް ޝަރުތު ކޮށްފައެވެ. ޑރ ރެޑީސް ލެބޯޓަރީސް ބުނެފައިވާ ގޮތުގައި ރަޝިޔާއިން އުފެއްދި ވެކްސިންގެ ފަހު ޓެސްޓުތައް ކުރިޔަށް ގެންދާނީ އިންޑިއާގަ އެވެ.

ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑުން ބުނެފައިވާ ގޮތުގައި އިންޑިއާ އަށް ފޮނުވާ ވެކްސިން މިއަހަރު ނިމުމުގެ ކުރިން ފޮނުވޭނެ އެވެ.

ރަޝިޔާ އިން އުފެއްދި ވެކްސިނަށް ވަނީ އެންމެ ފަހު މަރުހަލާގެ ޓެސްޓުތައް ނިމުމުގެ ކުރިން ބޭނުންކުރުމުގެ ލައިސަންސު ލިބިފައެވެ.