އެންއީއޯސީގެ ތެރޭގައި މަސައްކަތްކުރުމަށް އޮޑިޓް އޮފީހަށް ދައުވަތުދީފައިވާނެ ކަމަށާއި ނަމަވެސް ބައިވެރިވެފައި ނުވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހިސާން ހަސަން ވިދާޅުވެއްޖެއެވެ.

އޮޑިޓް އޮފީހުން ނެރުނު އެންޑީއެމްއޭގެ އޮޑިޓް ރިޕޯޓާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑީއެމްއޭގެ ސީއީއޯ ހިސާން ވިދާޅުވީ ވަކިން ކްލަސްޓާއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ރަސްމީކޮށް އޮޑިޓް އޮފީހުގައި އެދިފައިވާނެ ކަމަށެވެ.

"މިހާ ބޮޑެތި ކަންތައްތަކެއް އޮޑިޓް ރިޕޯޓުގައި ފާހަގަވެގެންދާނެތީ ކުރިއާލައި ތައްޔާރުވުމުގެ ގޮތުން އޮޑިޓުގެ މާކުރިން އެންޑީއެމްއޭ އިން އޮޑިޓް އޮފީހުގައި ވަކިން އެންއީއޯސީގެ ކްލަސްޓާއެއްގެ ގޮތުގައި މަސައްކަތްކުރުމަށް އޮޑިޓް އޮފީހަށް ދައުވަތު ދިނިން. އެ ދައުވަތުދީފައިވާނީ ރަސްމީ ލިޔުމަކުން. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ގާއިމުކުރެވިފައިވާ ދަރުބާރުގޭގައި ވަކި ޑެސްކެއް ކްލަސްޓާއެއްގެ ގޮތުގައި ގާއިމުކޮށް، އެކިއެކި ކްލަސްޓާސްތަކުން ކުރަމުން އައި ބޮޑެތި އޮޕަރޭޝަން ހިނގާ ގޮތް ބަލައި، އެ ހާލަތާއި އެކިއެކި އޮޕަރޭޝަންތަކުގައި ކުރަމުން އައި މަސައްކަތްތަކާ ގުޅިގެން ހަރަދުތައް ކުރަމުންދާ ގޮތް ބެލުމަށް ދައުވަތު ދެވުނު. އެހެންނަމަވެސް ކްލަސްޓާސްގެ ގޮތުގައި އެބޭފުޅުން ބައިވެރިވެފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ އޮޑިޓް ރިޕޯޓު މިފަހަރު ނެރެވިފައި މިއޮތީ އެންމެ ފުރިހަމަކޮށް ބަލަންޖެހޭ ކަންކަން ރަނގަޅަށް ބެލުމަށްފަހު ނޫން ކަމަށާއި އެކަމާ މެދު ހިތާމަކުރާ ކަމަށެވެ. އަދި އެންޑީއެމްއޭ އިން ކުރިއަށްއޮތް ތަނުގައި ވެސް މިފަދަ ކޮންމެ ކާރިސާއެއްގައި ރައްޔިތުންނާ ގުޅިގެން ކައިރިން މަސައްކަތްކުރަމުން ގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.