ކުއްލި ޚަބަރު

"ކޮވިޑް ފެސިލިޓީއަށް ސާމާނު ހޯދުމަށް އެޑްވާންސްކޮށް ފައިސާ ދެއްކީ ތަކެތި ހޯދުމަށް އޭރު އިތުރު ގޮތެއް ނެތުމުން"

ކޮވިޑް ފެސިލިޓީއަށް ސާމާނު ހޯދުމަށް އެޑްވާންސްކޮށް ފައިސާ ދެއްކީ ތަކެތި ހޯދުމަށް އޭރު އިތުރު ގޮތެއް ނެތުމުން ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑީއެމްއޭގެ ޑެޕިއުޓީ ސީއީއޯ އުމަރު ފިކުރީ މިހެން ވިދާޅުވެފައި މިވަނީ، ކޮވިޑުގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމުކުރި މެޑިކަލް ފެސިލިޓީއަށް 22 މިލިއަން ރުފިޔާގެ ތަކެތި ނުލިބެނީސް ލިބުނު ކަމަށް ރެކޯޑް ކޮށްފައިވާ އޮޑިޓް އޮފީހުން ނެރުނު އެންޑީއެމްއޭގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާތީއެވެ.

އުމަރު ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ފާހަގަކުރާ 22 މިލިއަން ރުފިޔާގެ އެޑްވާންސް ޕޭމަންޓަކީ އެސްޓީއޯއަށް ހަދާފައިވާ ޕޭމަންޓެއް ކަމަށާއި މިއީ މިގޮތަށް ހަމައެކަނި ހެދުނު ޕޭމަންޓެއް ނޫން ކަމަށެވެ. އަދި އޭގެ ފަހުން ވެސް އެގޮތަށް އެޑްވާންސްކޮށް ފައިދާ ދައްކާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އޮޑިޓް ރިޕޯޓުގައި ޕަބްލިކް އެކައުންޓިން ސިސްޓަމްގެ ވާހަކަ ބަޔާންކޮށްފައި އެބައޮތް. ސެޕް ސިސްޓަމްގައި އަޅުގަނޑުމެން މި މަސައްކަތް ކުރާއިރު، އޭރު އަޅުގަނޑުމެންނަށް މި އެނގުނީ ސެޕް ސިސްޓަމްގައި އެޑްވާންސް ޕޭމަންޓެއް ގުޑް ރިސީވް ނުކޮށް އޭރު ހަދާނެ މޮޑިއުލެއް ޑެވަލޮޕްވެފައި ނުވާ ކަމަށް. އެހެންވީމާ ފިނޭންސް މިނިސްޓްރީގެ ސެޕްގެ ޓެކްނިކަލް އެކްސްޕީރިއަންސްއާ އެއްކޮށް އޭރު އެ ލިބުނު ޓައިމްފްރޭމްގައި އެޑްވާންސް ޕޭމަންޓް ނުދެވޭނެތީވެ އަޅުގަނޑުމެން މި ގުޑް ރިސީވް ހެދުމަށްފަހު އެސްޓީއޯއަށް މިދެންނެވުނު އެޑްވާންސް ޕޭމަންޓް ވާނީ ހަދާފައި،" އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އޭގެ ފަހުން އެޑްވާންސް ޕޭމަންޓު ހެދުމަށް ފިނޭންސް މިނިސްޓްރީގެ ފަރާތުން ސެޕް ސިސްޓަމުގައި އިތުރު މޮޑިއުލްއެއް ހަދައި، ތަކެތި ލިބުމުގެ ކުރިން އެ ސިސްޓަމުގެ ތެރެއިން އެޑްވާންސްކޮށް ފައިސާ ދެއްކޭ ގޮތް ހަމަޖައްސައިދީފައިވާ ކަމަށެވެ.