ދައުލަތުގެ މިލްކިއްޔާތުގައި ނެތް ބިމެއްގައި ކޮވިޑް ފެސިލިޓީ ހުރުމުން ދައުލަތަށް ގެއްލުމެއް ނެތް ކަމަށާއި ކުލިވެސް ދައްކަން ނުޖެހޭ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހިސާން ހަސަން ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިސާން އެކަން ފާހަގަކުރައްވާފައި މިވަނީ، ދައުލަތުގެ މިލްކިއްޔާތުގައި ނެތް ބިމެއްގައި ހުޅުމާލެ މެޑިކަލް ފެސިލިޓީ ގާއިމުކޮށްފައިވާކަން އޮޑިޓް އޮފީހުން ނެރުނު އެންޑީއެމްއޭގެ އޮޑިޓް ރިޕޯޓުގައި ފާހަގަކުރުމުންނެވެ.

ހިސާން ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލު ކައިރީ ހުޅުމާލެ މެޑިކަލް ފެސިލިޓީ ގާއިމުކުރުމަށް ނިންމާފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ ފުރަތަމަ ކޮވިޑް ހޮސްޕިޓަލަށް ވެފައި، އެ ހޮސްޕިޓަލު ކައިރީގައި ހުޅުމާލެ މެޑިކަލް ފެސިލިޓީ ގާއިމުކުރުމުން ލޮޖިސްޓިކަލީ އަދި އެނޫން ވެސް ގޮތްގޮތުން ކުރަން ހުރި ހަރަދުތައް އިންތިހާއަށް ކުޑަވެ، އަދި ބަލި މީހުންނަށް ފަރުވާދިނުމަށް އަވަސްކޮށް ހިދުމަތް ފޯރުކޮށްދެވޭނެ ކަމެއް ކަމުގައިވާތީ ކަމަށެވެ.

"މިތަނަކީ ދައުލަތުން، ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ކުއްޔަށް ދައްކަން ޖެހޭ ގޮތަކަށް މިހާރު ވެސް އޮތް ތަނެއް ނޫން. އަދި މިތަނުގެ އެގްރީމަންޓް ކުރިއަށްއޮތް ތަނުގައި ވެސް އެޗްޑީސީ އާއި މޮރިޝަސް ކޮމާޝަލް ބޭންކާއެކީ އޮތީ އެކްސްޓެންޑް ކުރެވޭ ގޮތަށް. އެހެންވީމާ މީގެ ސަބަބުން ދައުލަތަށް އެއްވެސް ގެއްލުމެއް ވާނެ ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" އޭނާ ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީ ގާއިމުކުރުމަށް އެހެން އިމާރާތްތައް ބަލައި، ދިރާސާތަކެއް ވެސް ހެދިފައިވާ ކަމަށާއި ނަމަވެސް ހޮސްޕިޓަލާ އިންވެގެން އޮތް ހުސްބިމުގައި މިހުރި އިމާރާތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީ ގާއިމުކުރަން ނިންމި ކަމަށެވެ.