ހިލޭ އެހީގެ ގޮތުގައި ލިބުނު ތަކެތީގެ ސްޓޮކްތައް ބަލަހައްޓާފައިވާނީ ރަނގަޅަށް ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން މިގޮތަށް ބުނެފައިމިވަނީ ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ތަކެތީގެ ސްޓޮކް ރެކޯޑުތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާތީއެވެ.
އެންޑީއެމްއޭގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހިސާން ހަސަން ވިދާޅުވީ ސުނާމީއަށްފަހު ރާއްޖެ އާއި ބޭރުން އެންމެ ގިނަ އެހީތަކެއް ލިބިގެންދިޔަ ފަހަރަށް މިފަހަރު ވެގެންދާނެ ކަމަށެވެ. އެގޮތުން ގިނަ އަދަދެއްގެ ޕީޕީއީ އާއި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ސާމާނާއި ބޭހާއި މިނޫންވެސް ތަކެތި އެންޑީއެމްއޭއިން ހަވާލުވެފައިވާ ކަމަށެވެ.
މިތަކެތި ސްޓޮކް ކޮށްފައިވަނީ އެންޑީއެމްއޭގެ ގުދަނުގެ ބައެއްގައި އަދި އެ އިމާރާތުގެ ފަހަތުގައި ހުރި ތަނެއްގައި ކަމަށެވެ. އަދި ކަލާފާނު ސްކޫލް ހޯލާއި ގަލޮޅު މަދަރުސާގެ ހޯލާއި ދެ ކްލާސް ރޫމެއްގައާއި މާލޭ ކުޅިވަރު އެކުވެނީގެ ކުރިކެޓް ހޯލުގައި ރައްކާކުރުމުގެ މަސައްކަތް ކުރެވިގެންދިޔަ ކަމަށްވެސް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ އެހީގެ ތަކެތި ކުލިއާ ކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެއާޕޯޓަށް ގޮސް ކަމަށާއި ގެނެވޭ ތަކެތި ސްޓޮކް ކޮށްފައިވަނީ ކަސްޓަމްސްއިން ދީފައިވާ ދާގީނާތަކުގެ ލިސްޓް ބެލުމަށްފަހު ކަމަށެވެ. އަދި އެތަކެތި ސްޓޮކް ކުރެވިފައިވާ ގޮތް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނަށް ދައްކާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ހިލޭ އެހީގެ ގޮތުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކުވެރި ގައުމުތަކާއި އަމިއްލަ ފަރާތްތަކާއި މީގެ އިތުރުންވެސް ނަން ހާމަކުރަން ބޭނުންނުވާ ފަރާތްތަކުން ހަދިޔާ ކޮށްފައިވާ ތަފްސީލު، އިންވެންޓްރީއަށް ލިބިފައިވާ ތަނާއި ލިބިފައިވާ އަދަދުތަކާ އެއްކޮށް ހުރިހާ ލިސްޓުތަކެއް އަޅުގަނޑުމެން އޮޑިޓް އޮފީހަށް ވާނީ ހިއްސާކޮށްފައި،" ހިސާން ވިދާޅުވިއެވެ.
މިތަކެތި ބަހާފައިވާ ތަންތަނަށް ތަކެތި ލިބިފައިވޭތޯވެސް ބަލާފައިވާނެ ކަމަށާއި އެގޮތުން އައިޖީއެމްއެޗާއި އެމްއެންޑީއެފާއި ހުޅުމާލެ މެޑިކަލް ފެސިލިޓީ އަދި ސެނެހިޔާއަށް ތަކެތި ފޯރުކޮށްދީފައިވާ ގޮތާއި އެތަކެތި ހަމައަށް ލިބިފައިވާކަން ޔަގީން ކުރެވިފައިވާ ކަމަށްވެސް ހިސާން ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު