ކާބޯތަކެތި ފޯރުކޮށްދީފައިވާނީ ބޮލަކަށް ދުވާލަކަށް އެވަރެޖުކޮށް 160 ރުފިޔާ ޖެހޭގޮތަށް ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އުމަރު މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

އޭނާ މިގޮތަށް ވިދާޅުވެފައިމިވަނީ ކޮވިޑް 19އާ ގުޅިގެން ގާއިމުކޮށްފައިވާ ފެސިލިޓީތަކަށާއި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އަށާއި ވަގުތީގޮތުން ބިދޭސީން ބަހައްޓާފައި ހުރި ފެސިލިޓީތަކަށް ކެއިންބުއިމުގެ ހިދުމަތް ފޯރުކޮށްދޭން ހަރަދުކޮށްފައިވާ ފައިސާގެ ތެރެއިން 9.8 މިލިއަން ރުފިޔާއަކީ ލިބުނު ހިދުމަތަށް ހަރަދުކޮށްފައިވާ ފައިސާކަން ޔަގީންނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާތީއެވެ.

އެންޑީއެމްއޭ އިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުމަރު ވިދާޅުވީ އެންއީއޯސީ ވެގެންދިޔައީ 24 ގަޑިއިރު ފްރޮންޓްލައިންގައި މަސައްކަތްކުރާ ތަނަކަށް ކަމަށާއި އެ ފަރާތްތައް މަސައްކަތް ކުރީ ވަރަށް ބުރަކޮށް ކަމަށެވެ. އަދި އެ ފަރާތްތަކަށް ދަރުބާރުގޭގައި ކެއުމުގައި ހަމަޖައްސައިދެވުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އޭރު އެންއީއޯސީ ތެރޭގައި މަސައްކަތް ކުރަމުންދިޔަ ފްރޮންޓްލައިން ފަރާތްތަކަށް ތިން އިރު ކެއުން ހަމަޖައްސައިދިނިން. އެއީ މެންދުރު ކެއުމާއި ހަވީރު ސަޔާއި ރޭގަނޑުގެ ކެއުން. އަޅުގަނޑުމެން ދީފައި ހުރި ކޭޓަރިން ކޮންޓްރެކްޓްތަކަށް ބަލައިފިނަމަ ބޮލަކަށް ދުވާލަކަށް މިޖެހެނީ 160 ވަރަކަށް ރުފިޔާ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އެންއީއޯސީ ތެރޭގައި ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން 550 ފްރޮންޓްލައިން ވޯކާސް މަސައްކަތް ކުރަމުންދިޔަ ކަމަށާއި އެކަންކަން ލޮގްތަކުން ހާމަވެގެންދާ ކަމަށެވެ.

ކޭޓަރިންގެ ހިދުމަތަށް ރުފިޔާ ދައްކަނީ އެދުވަހަކު ކެއި ފަރާތްތަކުގެ ތަފްސީލުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ޑެލިވަރީ ނޯޓް ތައްޔާރު ކުރަނީ ކޭޓަރިން ފޯރުކޮށްދޭ ފަރާތުން ކަމަށާއި އެ ނޯޓުން ހުރިހާ ތަފްސީލެއް ސާފުވާނެ ކަމަށްވެސް ވިދާޅުވިއެވެ.