ކުއްލި ޚަބަރު

މަލަހިނި ކުޑަބަނޑޮހަށް ފައިސާ ދައްކާފައިވަނީ އެއްބަސްވުމާ އެއްގޮތަށް: ހިސާން

މަލަހިނި ކުޑަ ބަނޑޮހަށް ފައިސާ ދައްކާފައިވަނީ އެއްބަސްވުމާ އެއްގޮތަށް ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހިސާން ހަސަން ވިދާޅުވެއްޖެއެވެ.

ހިސާން މިގޮތަށް ވިދާޅުވެފައިވާއިރު ކޮވިޑާ ގުޅިގެން ބަލި މީހުންނާއި އެކަހެރިކުރާ މީހުން ބޭތިއްބުމަށް އެކޮމޮޑޭޝަންގެ ގޮތުގައި ނެގި ރިސޯޓަކަށް އެއްބަސްވެފައިވާ ރޭޓަށްވުރެ އިތުރަށް ފައިސާ ދައްކާފައިވާ ކަމަށް އޮޑިޓް އޮފީހުން އިއްޔެ އާންމުކުރި އެންޑީއެމްއޭ އިން ކޮވިޑުގެ ބަލިމަޑުކަމުގައި ކޮށްފައިވާ ހަރަދުތަކުގެ ކޮންޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ ފެސިލިޓީތަކަށް ނަގާ ރިސޯޓުތަކުގެ ކޮންމެ ކޮޓަރިއަކަށް ސަރުކާރުން ދުވާލަކު ހަރަދުކުރީ 750 ރުފިޔާގެ ރޭޓުން ކަމުގައިވީ ނަމަވެސް އެއް ރިސޯޓަަކަށް ދުވާލަކަށް 840 ރުފިޔާގެ މަގުން ބިލުކޮށްފައިވާ ކަމަށެވެ. އެ އަދަދަށް ފައިސާ ދައްކާފައިވަނީ ޓީޖީއެސްޓީ އަށްވާ 12 ޕަސެންޓު ވެސް ހިމަނައިގެން ކަމަށާއި އެހެންކަމުން އެ ރިސޯޓަށް 206,280 ރުފިޔާ އިތުރަށް ދީފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.

އެ މައްސަލައާ ގުޅިގެން އެންޑީއެމްއޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިސާން ވިދާޅުވީ މަލަހިނި ކުޑަ ބަނޑޮހަކީ ކޮވިޑު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް އެންމެ ފުރަތަމަ ނެގި ރިސޯޓް ކަމަށާއި އެފަރާތާއެކު އެއްބަސްވުން ހަދާފައިވަނީ ޓޫރިޒަމް މިނިސްޓްރީން ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީން އެރިސޯޓާއެކު ހެދި އެއްބަސްވުމާއި ހިލާފުވެފައިވާކަން ފާހަގަކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އެއްބަސްވެފައިވާ 750 ރުފިޔާގެ އިތުރުން ޖީއެސްޓީ ހިމަނައިގެން 840 ރޭޓުން އެ ރިސޯޓަށް ފައިސާ ދައްކާފައިވީ ނަމަވެސް އަޅުގަނޑުމެން ފައިސާ ދައްކާފައިވަނީ އެޖްރީމަންޓްގައިވާ ގޮތުގެ މަތީން،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖީއެސްޓީއަށް ދައްކާފައިވާ ފައިސާއަކީ އަނބުރާ ދައުލަތައް ލިބޭނެ ފައިސާއެއް ކަމުން އެކަމުން ގެއްލުމެއްވާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި ރިސޯޓްތަކެއް ނެގުމަށް މަސައްކަތް ކުރަމުންދިޔަ އިރު، މަލަހިނި ރިސޯޓާއެކު ހެދި އެއްބަސްވުމުގައި މައްސަލައެއް އުޅޭ ކަމަށް ފާހަގަކުރެވިގެން އަލުން އާ އެގްރީމެންޓެއް ހެދި ކަމަށާއި ފަހުން ދެއްކި ހުރިހާ ފައިސާ އެއް ދައްކާފައިވާނީ 750 ރުފިޔާގެ ރޭޓުން ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.