ހޮޓާތަކާއި ގެސްޓްހައުސްތަކުގައި މީހުން ބޭތިއްބުމުގެ އުސޫލެއް ހަދާފައިވާނެ ކަމަށާއި އެ ލިޔެކިޔުންތައް އޮޑިޓާ ޖެނެރަލްގެ އޮފީހާ ހިއްސާކޮށްފައިވާނެ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހިސާން ހަސަން ވިދާޅުވެއްޖެއެވެ.
ހިސާން މިގޮތަށް ވިދާޅުވެފައިވާއިރު ބޭނުން ނުކުރާ ކޮޓަރިތަކަށް ފައިސާ ދައްކާފައިވާ ކަމަށާއި އެކޮމޮޑޭޝަނަށް ނެގި ގެސްޓްހައުސްތަކާއެކު އެއްބަސްވުން ހަދާފައިވާ ނުވާ ކަމަށް އޮޑިޓް އޮފީހުން އިއްޔެ އާންމުކުރި އެންޑީއެމްއޭ އިން ކޮވިޑުގެ ބަލިމަޑުކަމުގައި ކޮށްފައިވާ ހަރަދުތަކުގެ ކޮންޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެންޑީއެމްއޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިސާން ވިދާޅުވީ ހޮޓާތަކުން ހިދުމަތް ހޯދާފައިވަނީ ކަނޑައަޅާފައިވާ ރޭޓުތަކަކަށް އެއްބަސްވެވިގެން ކަމަށެވެ. އަދި ހޮޓާތަކުގައި މީހުން ބޭތިއްބުމުގެ އުސޫލެއް އެންޑީއެމްއޭގައި ކުރިޔާލާ ހެދިފައިވާނެ ކަމަށާއި އެ އުސޫލުގައި އެތަންތަނުގައި ބައިތިއްބާނީ ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ކޮންކޮން ފަރާތްތަކެއްކަމާއި ކޮން އިދާރާތަކެއްގެ ބައެއްކަން ކަނޑައަޅައި ފައިނަލް ކުރެވިފައިވާނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ކޮޓަރިތަކުގެ ރޭޓްސްތަކުގެ ތެރޭގައި ފުލްބޯޑާއި ޝެއާކުރާ ގޮތަށް ނަގާ ކޮޓަރީގެ އަގާއި ލޯންޑަރީ ސާވިސްއާއެކީގައި އަގު ހިމެނޭނެ ކަމަށާއި ދުވާލަކަށް ކޮޓަރީގެ އަގު އެކަނި ހިމެނޭ ގޮތަށް ވެސް އުސޫލުގައި ހިމަނާފައިވާނެ ކަމަށް ހިސާން ވިދާޅުވިއެވެ.
"މި އުސޫލާގުޅޭ އެންމެހާ މައުލޫމާތުތަކާއި ހުރިހާ ލިޔެކިޔުންތަކެއް އޮޑިޓް އޮފީހާ އަޅުގަނޑުމެން ވާނީ ހިއްސާކޮށްފަ،" ހިސާން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ގެސްޓްހައުސްތަކާއި ހޮޓާތަކުން ހިދުމަތް ހޯދުމުގެ ކުރިން އެތަންތަނާއި މުއާމަލާތްކޮށް، ބޭނުންވާ ކޯޓޭޝަންތައް ލިބި، އެކަމަށް އެއްބަސްވެވިގެން ނޫނީ ހިދުމަތްތައް ހޯދާފައިނުވާނެ ކަމަށެވެ. އަދި އެކަންކަމާގުޅޭ ހުރިހާ ލިޔެކިޔުމެއް ވެސް އޮޑިޓް އޮފީހަށް ކުރިޔާލާ ފޮނުވާފައިވާނެ ކަމަށް ވިދާޅުވި އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު