ކޮވިޑާ ދެކޮޅަށް ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް އެކޮމޮޑޭޝަން ހަމަޖެއްސުމަށް ޖޫން މަހުގެ ނިޔަލަށް ގެސްޓްހައުސްތަކުން 1099 ކޮޓަރި ނެގި ކަމަށާއި އެ ކޮޓަރިތަކުގައި 1777 މީހުން ތިބި ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހިސާން ހަސަން ވިދާޅުވެއްޖެއެވެ.
އޮޑިޓް އޮފީހުން އިއްޔެ އާންމުކުރި އެންޑީއެމްއޭ އިން ކޮވިޑުގެ ބަލިމަޑުކަމުގައި ކޮށްފައިވާ ހަރަދުތަކުގެ ކޮންޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެކޮމޮޑޭޝަން ހަމަޖެއްސުމުގައި ހިދުމަތް ނުހޯދާ ކޮޓަރިތަކަށް ފައިސާ ދައްކައިފައިވާ ކަމަށާއި ގެސްޓްހައުސްތައް ކުއްޔަށް ނެގުމުގައި އެއްބަސްވުން ހަދާފައިނުވާ ކަމަށް ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓާ ގުޅިގެން އެންޑީއެމްއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިސާން ވިދާޅުވީ މިއަހަރުގެ މާޗު މަހުގެ ތެރޭގައި ނޭޝަލަން އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގާއިމްވި ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެ ސެންޓަރުގައި 129 އެޖެންސީއެއްގެ 1793 މީހެއް މަސައްކަތް ކުރަމުންދިޔަ ކަމަށެވެ.
އެގޮތުން ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކޮމޮޑޭޝަން ހަމަޖައްސަން ނިންމި ނިންމުމަކީ އެންއީއޯސީގައި މަޝްވަރާ ކުރެވި، ނެޝަނަލް ޓާސްކު ފޯހުން ނިންމި ނިންމުމެއް ކަމަށާއި އެއީ ސިއްހީ ހިދުމަތްތެރިންނާއި ޑޮކްޓަރުންނާއި ނަރުހުންގެ އާއިލާތަކުގެ ރައްކާތެރިކަމަށް ނިންމި ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހިސާން އިތުރަށް ވިދާޅުވީ، ކޮވިޑުގެ އޮޕަރޭޝަން ފުޅާވެ، އެކިއެކި މަލްޓި އެޖެންސީތަކުގެ ބައިވެރިވުން ހިމެނި، އެ އެޖެންސީތަކުން ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް އެކޮމޮޑޭޝަން ހަމަޖައްސަން ނިންމި ކަމަށެވެ. އަދި ގެސްޓްހައުސްތައް ހޯދައިދިނުމުގެ މަސައްކަތްތައް ކޮށްދިނީ ޓޫރިޒަމް މިނިސްޓްރީން ކަމަށާއި އެތަންތަނުގެ ލިޔުންތައް ވެސް ދޫކުރީ އެ މިނިސްޓްރީން ކަމަށް ވިދާޅުވި އެވެ.
"މިގޮތުން ޖޫންގެ ނިޔަލަށް 85 ގެސްޓްހައުސެއްގައި 1099 ކޮޓަރި އެންއީއޯސީން ދިޔައީ ބަލަހައްޓަމުން. އަދި މިތަންތަނުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ އެކިއެކި އެޖެންސީސްތަކުގެ 1777 ފަރާތަކަށް އެކޮމޮޑޭޝަން ހަމަޖައްސާދީފައިވޭ،" ހިސާން ވިދާޅުވި އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު