މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ބައިތިއްބާނެ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތަކެއް ކަނޑައަޅަނީ

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ކަނޑައަޅައި އެތަންތަނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތަކުގެ ގޮތުގައި ފަސް މަރުކަޒެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އެއީ ހދ. ކުޅުއްދުއްފުށި، ށ. ފުނަދޫ، ތ. ވޭމަންޑޫ، ގދ. ތިނަދޫ އަދި ވިލިމާލޭ އަމާން ހިޔާ އެވެ.

މި މަރުކަޒުތަކުގައި ހުރި އަމާން ހިޔާތަކަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ހިދުމަތްތައް އެންމެ ފުރިހަމައަށް ދެވޭ ވަސީލަތްތައް ހުރި ތަންތަން ކަމުގައި ނުވާތީ އެކަންކަން ފުރިހަމަ ކުރުމަށް ބޭނުންވާ ފައިސާގެ އެހީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ކެއާ ޕްރޮޖެކްޓުގެ އެހީގެ ދަށުން މިހާރު ލިބިފައިވާ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން، ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަން ޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ބިނާކުރުމާއި އެފަދަ މަރުކަޒުތަކުގެ މިންގަނޑުތަކާއި ހަމަތަކާއި އުސޫލުތަކާއި އަމާޒުތައް ކަނޑައަޅައި މޮނީޓާ ކުރުމުގެ މަސައްކަތް ކުރުމަށް ބަޔާންކޮށްފައިވެ އެވެ. ގާނޫނުގައި ބުނާގޮތުން މިއީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މަސްއޫލިއްޔަތެކެވެ.