ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީގެ މަސައްކަތްތައް، ހެލްތު މިނިސްޓްރީގެ ދަށަށް، ބަދަލުކޮށްފިއެވެ.

އެ ދެ މިނިސްޓްރީ އެއްކުރުމަށްފަހު މިހާރު ދީފައިވާ ނަމަކީ ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓްރީއެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްްވި ރަސްމިއްޔާތެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރުގެ މަގާމަށް ގީލާ އަލީ އައްޔަން ކުރައްވައިފައެވެ. ގީލާ އަކީ ރާއްޖެއިން، ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އައިޝަތު ޝިހާމް މިއަދުވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

އަދި ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމްވެސް މިއަދުވަނީ އިސްތިއުފާ ދެއްވައިފައެވެ.