ފ. ނިލަންދޫގައި ކުޑަ ފިރިހެންކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ރިޕޯޓު އިއްޔެ ހަވީރު އެ އިދާރާއަށް ލިބިފައިވާ ކަމަށާއި އެ ކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް ބުންޏެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 17 އަހަރުގެ އެ ފިރިހެން ކުއްޖަކަށް އަނިޔާކުރީ އިތުބާރު ހުރި މަގާމެއްގައި ހުރި މީހެކެވެ.

އެ ކުއްޖާއަށް އަނިޔާކުރާ ވީޑިއޯ ދައުރުވަމުންދާއިރު، އެ ކުއްޖާއަށް އަނިޔާކޮށްފައިވަނީ ފިރިހެނެކެވެ. އަދި އެ ވީޑިއޯއިން ކުއްޖާ ސަލާމަތަށް އެދި އާދޭސް ކުރާ އަޑުވެސް އިވެއެވެ.

ކުޑަކުދީންނަށް އަނިޔާކުރާ މައްސަލަތައް ދޭތެރެދޭތެެރެއިން ފެންމަތިވެއެވެ. އެ ފަދަ މައްސަލަތައް ފެމިލީ ޕްރޮޓެކްޝަން މިނިސްޓްރީންވެސް ބަލައެވެ.