ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އޮޑީޓާ ގުޅިގެން ފައިސާ ހަރަދުކުރަން ހުއްދަ ދިން ފަރާތްތަކުގެ މައްސަލަ ބަލަން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އަންގަވައިފިއެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި މިއަދު އާންމުކުރި ކޮވިޑާ ގުޅިގެން އެންޑީއެމްއޭއިން ކޮށްފައިވާ ކޮމްޕްލަޔަންސް އޮޑިޓުގައިވާ ގޮތުން އެންޑީއެމްއޭއިން ވަނީ އުސޫލުން ބޭރުން އެތައް ކަމަކަށް ފައިސާ ހަރަދުކޮށްފައެވެ. އަދި ކޮރަޕްޝަންގެ އަމަލުތައްވެސް ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން ފެސިލިޓީތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ކާބޯތަކެތި ގަނެފައިވަނީ ބާޒާރުގައި ހުރި އަގަށްވުރެ މާ ބޮޑުތަންވެސް ބޮޑު އަގެއްގައި ކަމަށާއި ސަރުކާރުން އަގު ކޮންޓްރޯލްކޮށްފައިވާ ބައެއް ބާވަތްތައްވެސް ގަނެފައިވަނީ ބޮޑު އަގުގައި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ކޮވިޑާ ގުޅިގެން އެންޑީއެމްއޭއިން ކުރި ހަރަދުތަކުގައި ބޮޑެތި އިސްރާފުތަކެއް ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ އެކޮމިޑޭޝަން ހަމަޖެއްސުމަށް މާލެއިންނާއި ހުޅުމާލެއިން ކުއްޔަށް ނެގި ގެސްޓްހައުސްތަކުގައި، ބޭނުން ނުކުރާ ކޮޓަރިތަކަށްވެސް ފައިސާ ދިނުމާއި، ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ގަތް ބައެއް ތަކެތި ނުލިބި އޮއްވައި އެތަކެތި ލިބިފައިވާ ކަމަށް ނިންމުން ފަދަ ކަންކަން ހިމެނެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ، ހިލޭ އެހީގެ ގޮތުގައި ލިބުނު ބައެއް ތަކެތީގެ ސްޓޮކްވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވާ ކަމަށާއި އެހެންކަމުން އެ މައްސަލަ ފިނޭންސް މިނިސްޓްރީން ބަލައިދިނުމަށް އެދޭ ކަމަށެވެ.
ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށް ފައިސާ ހަރަދުކުރަން ހުއްދަ ދިން ފަރާތްތަކުގެ މައްސަލަ ބަލައިދިނުމަށްވެސް ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވަނީ އަންގަވައިފައެވެ. އެގޮތުން އެންޑީއެމްއޭއިން ފެސިލިޓީތަކާއި އެނޫންވެސް ތަންތަނުގެ ކެއިންބުއިމަށް ހަރަދުކޮށްފައިވާ ފައިސާއިން ބޮޑެތި އިސްރާފުތަކެއް ކޮށްފައިވާތީ ޒިންމާދާރު ވެރިޔާއާ ފައިސާ ދޫކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުގެ މައްސަލަ ބަލައިދިނުމަށް އޮޑިޓާ ޖެނެރަލް ވަނީ އަންގަވައިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު