ކޮވިޑް 19 އާ ގުޅިގެން ފްރަންޓުލައިންގައި މަސައްކަތް ކުރާ ފަރާތްތަކުގެ އެކޮމޮޑޭޝަން ހަމަޖެއްސި ގެސްޓު ހައުސްތަކުން ކުއްޔަށް ހިފާފައި ނުވާ ކޮޓަރިތަކަށްވެސް ފައިސާ ނަގާފައިވާކަން ހާމަވެއްޖެއެވެ.

ކޮވިޑާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް ރިޕޯޓުގައިވާ ގޮތުން ކޮވިޑް 19ގެ އޮޕަރޭޝަން ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކާއި އަދި އެ އޮޕަރޭޝަނާ ގުޅިގެން ހަރަކާތްތެރިވި އެހެނިހެން ފަރާތްތަކަށް މާލެއާއި ހުޅުމާލޭގެ ގެސްޓް ހައުސްތަކުގައި އެކޮމޮޑޭޝަން ހަމަޖައްސާފައިވާ އިރު، ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްބަސްވުމެއް ތައްޔާރުކޮށްފައެއް ނުވެއެވެ.

ގެސްޓް ހައުސްތަކުގައި މީހުން ބައިތިއްބާފައި ވަނީ، ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކޮމަޑޭޝަން ހަމަޖެއްސުމަށް ކަނޑައަޅާފައިވާ ރޭޓަށް ކުއްޔަށް ދިނުމަށް އެ ގެސްޓް ހައުސްތަކުން އެއްބަސްވެފައިވާތީ ކަމަށް ހިދުމަތާއި ތަކެއްޗަށް އެދޭ "ފޯމް" ތަކުގައި ބަޔާންކޮށްފައިވާ ކަމަށާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެކޮމަޑޭޝަން ހަމަޖެއްސުމަށް ވަކި ރޭޓެއް ކަނޑައަޅާފައިވާކަން ލިޔެކިޔުމުން އެނގެން ނެތްކަން ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ، ޕްރަންޓްލައިންގައި މަސައްކަތްކުރި ފަރާތްތަކުގެ އެކޮމޮޑޭޝަން ހަމަޖައްސާފައިވަނީ ގެސްޓް ހައުސްތަކުގެ ބިލުތަކަށް އެންޑީއެމްއޭއިން ފައިސާ ދައްކާފައިވަނީ ގެސްޓް ހައުސްތަކުން ކުއްޔަށް ހިފާފައިވަނީ ކިތައް ކޮޓަރިކަމާއި، އެކޮޓަރިތައް ކުއްޔަށް ހިފާފައިވާ މުއްދަތާއި އެތަންތަނުގައި ތިބީ ކޮން ބައެއްކަން ކަށަވަރުނުކޮށް ކަމަށެވެ. އަދި މިގޮތަށް ހަމަޖައްސާފައިވާ ގެސްޓްހައުސްތަކުގައި ދައުލަތުގެ އެކި އިދާރާތަކާއި ދައުލަތުގެ ވިޔަފާރި ކުންފުނިތަކާއި ޖަމިއްޔާތަކުގެ މުވައްޒަފުން އެކި ދުވަސްވަރުގައި ތިބިކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތްކުރި ބައެއް އިދާރާތަކުން މައުލޫމާތު ހޯދައިގެން އިތުރަށް ބެލި ބެލުމުން، ބައެއް ގެސްޓްހައުސްތަކުގެ ބޭނުން ނުކުރާ ކޮޓަރިތަކަށްވެސް ފައިސާ ދައްކާފައިވާ ކަމަށާއި އަދި ކޮޓަރި ބޭނުންކުރި މުއްދަތަށްވުރެ އިތުރަށް ފައިސާ ދައްކާފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް އެންޑީއެމްއޭއިން އެކަށީގެންވާ ގޮތެއްގައި އޮކިއުޕެންސީ މައުލޫމާތު ބަލަހައްޓާފައި ނެތުމުގެ ސަބަބުން އިތުރަށް ދައްކާފައިވާ ފައިސާގެ ޖުމްލަ އަދަދު އެނގެން ނެތް ކަމަށް އޮޑިޓުގައިވެއެވެ.

އެކި ގެސްޓް ހައުސްތަކުން އެކި ރޭޓުން ބިލްކޮށްފައިވާކަމާއި ލޯންޑްރީ ސާވިސް އަދި އެކްސްޓްރާ ބެޑް އެކްސްޓްރާ ޕާސަން ޗާޖު ފަދަ ބައެއް އިތުރު ހިދުމަތްތަކަށް ދައުލަތުން އިތުރު ހަރަދު ކުރަން ޖެހުނު ކަމަށާއި އެއްބަސްވުން ހަދާފައި ނުވާ ހާލަތުގައި ފައިސާ ދައްކަން ވާނީ ބޭނުން ކުރެވުނު ކޮޓަރީގެ އަދަދަށް އެ ކޮޓަރިތައް ބޭނުން ކުރެވުނު މުއްދަތަށް ކަމަށް ދެކޭ ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެކޮމޮޑޭޝަންގެ ގޮތުގައި ގެސްޓް ހައުސްތަކުގައި މީހުން ބޭތިއްބުމަށް މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 34 ގެސްޓް ހައުސްއަކަށް ޖުމްލަ 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ.