ކޮވިޑް 19އާ ގުޅިގެން ގާއިމުކޮށްފައިވާ ފެސިލިޓީތަކަށާއި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށާއި ވަގުތީގޮތުން ބިދޭސީން ބަހައްޓާފައި ހުރި ފެސިލިޓީތަކަށް ކެއިންބުއިމުގެ ހިދުމަތް ފޯރުކޮށްދޭން ހަރަދުކޮށްފައިވާ ފައިސާގެ ތެރެއިން 9.8 މިލިއަން ރުފިޔާއަކީ ލިބުނު ހިދުމަތަށް ހަރަދުކޮށްފައިވާ ފައިސާކަން ޔަގީންނުވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ، އއ. ވެލިދޫގައި ހިންގާ ކަރަންޓީން ފެސިލިޓީ އާއި ގުޅީފަޅުގައި ހިންގާ ކަރަންޓީން ފެސިލިޓީ ފިޔަވައި ދެން ހުރި ހުރިހާ ފެސިލިޓީތަކުން ކެއުމުގެ ހިދުމަތަށް އެދި އޯޑަރުކުރީ ކިތައް މީހުންނަށް ކަމެއް އެނގޭނެ ގޮތަކަށް ލިޔުންތައް ބަލަހައްޓާފައި ނުވާ ކަމަށެވެ. އެގޮތުން އޯޑަރު ކުރީ ލިޔުމުންކަން އެނގެން ނެތް ކަމަށާއި ދިން އޯޑަރުގެ ލިޔުމުގެ ކޮޕީއެއް އޮތުމަކީ ލާޒިމުކޮށް ބަލަހައްޓަން ޖެހޭ ލިޔުންތަކެއް ނަމަވެސް އެ ލިޔުންތައް ބަލަހައްޓާފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ކެއުމުގެ ކޮންމެ ވަގުތަކަށް ބިލުކޮށްފައިވާ އަދަދުތަކުގައި ތަފާތުތައް ހުރުމުން އޯޑަރުކުރި އަދަދާއި އޮކިއުޕެންސީ މައުލޫމާތު ބެލެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައިވީ ނަމަވެސް އެ ލިޔެކިޔުންތައްވެސް ބަލަހައްޓާފައި ނުވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ ފެސިލިޓީތަކަށް ކެއުމަށް ޖުމްލަ 17،125،268 ރުފިޔާ ހަރަދުކޮށްފައިވާ އިރު، އޭގެ ތެރެއިން 9،806،724 ރުފިޔާ ހަރަދުކޮށްފައިވަނީ ލިބިފައިވާ ހިދުމަތަކަށްކަން ކަށަވަރު ނުވާ ކަމަށެެވެ.
ކެއުމުގެ ހިދުމަތަށް އެދޭއިރު ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތަކަށް އޯޑަރު ދެވުނީ ކިހާވަރެއްކަން އެނގޭނެ ލިޔެކިޔުންތައް ބެހެއްޓުމަށާއި ކޮންމެ ދުވަހަކު ކެއުމުގެ ހިދުމަތް ފޯރުކޮށްދޭން ޖެހޭ މީހުންގެ މައުލޫމާތު ލިޔެކިޔުމުން ބެލެހެއްޓުމަށްވެސް އޮޑިޓުގައި އަންގާފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ވަނީ ކެއުން ބުއިމުގެ ހަރަދުތަކަށް ފައިސާ ދެއްކުމުގައި ކަމާ ގުޅުންހުރި ލިޔުން އެކަށީގެންވާ ގޮތެއްގައި ތައްޔާރުކޮށް، ބަލަހައްޓާފައި ނުވާތީ މާލީ ޒިންމާދާރުވެރިޔާއާއި ފައިސާ ދޫކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކުގެ މައްސަލަ ބެލުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު