ކޮވިޑް 19އާ ގުޅިގެން ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރެވުނު ބައެއް ރިސޯޓުތަކުގައި ތިބި ފަރާތްތަކަށާއި މާލޭގައި ހާލުގައި ޖެހުނު ފަރާތްތަކުގެ ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ކާބޯތަކެތި ފޯރުކޮށްދީފައިވަނީ، ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލްޑް އަގުތަކަށްވުރެ ބޮޑު އަގުގައި ކަމަށާއި އާންމުކޮށް ތަކެތި ގަންނަން ލިބެން ހުންނަ އަގަށްވުރެ އެތައް ގުނައެއް ބޮޑު އަގުގައި ކަމަށް ކޮވިޑާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓުން ހާމަވެއްޖެއެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެން ފެށުމާއެކު، އޭޕްރީލް ހަވަނަ ދުވަހުން ފެށިގެން ބާޒާރުގައި ވިއްކާ ފިޔާ، އަލުވި، ރީނދޫ މުގު އަދި ބިހުގެ އަގު އިކޮނޮމިކް މިނިސްޓްރީން ކޮންޓްރޯލް ކުރިއެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށެއްގައި ފިޔާ އަދި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 20 ރުފިޔާ ކަމަށާއި ރީނދޫ މުގު ކިލޯއެއް އެންމެ ބޮޑުކޮށް ވިއްކޭނީ 45 ރުފިޔާއަށް ކަމަށާއި އަދި ބިހެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.80 ރުފިޔާއަށް ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ.
އެންޑީއެމްއޭގެ އޮޑިޓް ރިޕޯޓުން ހާމަވެފައިވާ ގޮތުގައި، ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންނާއި ކޮވިޑާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި ބައެއް ތަކެތި ގަނެފައިވަނީ ކޮންޓްރޯލް ކުރި އަގަށްވުރެ ބޮޑުކޮށެވެ. އެގޮތުން އެންޑީއެމްއޭ އިން ހަނޑޫ، ހަކުރު، ފުށް، ފިޔާ އަދި މުގު ގަނެފައިވަނީ އަސްލު ޖެހޭ ޖުމްލަ އަގަށްވުރެ ބޮޑުކޮށް ކަމަށްވުމުން އެތަކެތި ގަތުމަށް 224,546 ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓުގައި ބުންޏެވެ.
މީގެ އިތުރުން، އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި އެންޑީއެމްއޭ އިން ގަނެފައިވާ އިރު، އޭގެ ތެރެއިން ބައެއް ތަކެތި ގަނެފައިވަނީ އެތަކެތި އާންމުކޮށް ބާޒާރުގައި ލިބެން ހުންނަ އަގުތަކަށްވުރެ އެތައް ގުނައެއް ބޮޑުކޮށްކަން ވެސް އޮޑިޓުގައި ފާހަގަކޮށްފައެވެ. އަގުބޮޑުކޮށް ގަތްކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ވަޅޯމަސް، މަސްދަޅު ކޭސް، ރިހާކުރު، މިލްކް ޕައުޑަރު، އަސޭމިރުސް، ހިކިމިރުސް، މޭވާ، ލުއި ބުއިން، ތާޒާ ކަނޑު މަސް އަދި ޗިކަން ބޭކަންއެވެ. އެ ތަކެތި ގަނެފައިވަނީ އަސްލު ޖެހޭ ޖުމްލަ އަގަށްވުރެ 224،546 ރުފިޔާ އަގުބޮޑުކޮށް ކަން ވަނީ ހާމަވެފައެވެ.
އޮޑިޓް ރިޕޯޓުގައި ވަނީ، އިކޮނޮމިކް މިނިސްޓްރީން އަގު ކޮންޓްރޯލްކޮށްފައިވާ ތަކެއްޗަށް އިތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދައި ދައުލަތުގެ މާލިއްޔާއަށް އަނބުރާ ޖަމާކުރުމަށް އަންގައިފައެވެ. އަދި ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ތަކެތި ވިއްކި ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅުމަށް ވެސް އޮޑިޓުގައި ލަފާދީފައިވެއެވެ.
ސަކާރުން އަގު ކޮންޓްރޯލްކޮށްފައިވާ ބާވަތްތައް ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް ވިއްކަމުންދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގައިފައެވެ. އޭޕްރީލް މަހުގެ 22 ވަނަ ދުވަހު އެންގި އެންގުމުގައި ބުނެފައިވަނީ އެ މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް އަގު ކޮންޓްރޯލުކޮށްފައިވާ މުދަލެއް ވިއްކައިފި ނަމަ ހިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް 100,000 ރުފިޔާއިން ތަކުރާރުކުރާ ކޮންމެ ފަހަރަކު 100,000 ރުފިޔާއިން ޖޫރިމަނާކޮށް، އަދި ހަ މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެ ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު