ކޮވިޑާ ގުޅިގެން ބަލި މީހުންނާއި އެކަހެރި ކުރާ މީހުން ބޭތިއްބުމަށް އެކޮމަޑޭޝަންގެ ގޮތުގައި ނެގި ރިސޯޓަކަށް އެއްބަސްވެފައިވާ ރޭޓަށްވުރެ އިތުރަށް ފައިސާ ދައްކާފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އޮޑިޓް އޮފީހުން މިއަދު ވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކޮވިޑްގެ ބަލިމަޑުކަމުގައި ކޮށްފައިވާ ހަރަދުތަކުގެ ކޮންޕްލަޔަންސް އޮޑިޓް ރިޕޯޓް އާންމު ކޮށްފައެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެންޑީއެމްއޭއިން ވަނީ އުސޫލުގެ ބޭރުން ގޯސްކޮށް އެތަކެއް ކަމެއްކޮށްފައެވެ. އަދި ބައެއް ހަރަދުތައް ކޮށްފައިވާއިރު ކޮރަޕްޝަން ހިމެނޭ ކަމަށްވެސް އޮޑިޓުގައި ބުނެފައިވެއެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ ފެސިލިޓީތަކަށް ނަގާ ރިސޯޓުތަކަށް ކޮންމެ ކޮޓަރިއަކަށް ސަރުކާރުން ދުވާލަކު ހަރަދުކުރަނީ 750 ރުފިޔާ ނަމަވެސް އެއް ރިސޯޓަަކަށް ދުވާލަކަށް 840 ރުފިޔާގެ މަގުން ބިލުކޮށްފައިވާ ކަމަށާއި އެ އަދަދަށް ފައިސާ ދައްކާފައިވަނީ ޓީޖީއެސްޓީއަށްވާ 12 ޕަސެންޓު ވެސް ހިމަނައިގެން ކަމަށެވެ. އެހެންކަމުން އެ ރިސޯޓަށް 206,280 ރުފިޔާ އިތުރަށް ދީފައިވާ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކޮން ރިސޯޓެއް ކަމެއް އޮޑިޓް ރިޕޯޓުގައި ބުނެފައެއް ނުވެއެވެ.
އޮޑިޓް ރިޕޯޓުގައި ވަނީ އެ ރިސޯޓަށް އިތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދުމަށް އަންގައި، ކުރިއަށްއޮތްތާ ބިލުތަކަށް ފައިސާ ދައްކާއިރު އެކަން ކަމަށް ސަމާލުވުމަށް އަންގައިފައެވެ.
ކޮވިޑް 19އާ ގުޅިގެން ކަރަންޓީން ފެސިލިޓީގެ ގޮތުގައި ގިނަ ރިސޯޓްތައް ސަރުކާރުން ވަގުތީ ގޮތުން ނެގިއެވެ. މިހާރުވެސް ކޮވިޑުގެ ބަލި މީހުން ކަރަންޓީން ކުރުމަށް ބައެއް ރިސޯޓުތައް ދަނީ ބޭނުންކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު