ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އެކި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ނިސްބަތް އިތުރުވަމުންދާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ހައިރިސްކް ކެޓަގަރީގައި ހިމެނޭ މީހުންގެ އަދަދު ނިސްބަތުން އިތުރުވަމުންދާ ކަމަށެވެ.
ހައިރިސްކް ކެޓަގަރީގައި ހިމެނެނީ އުމުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު މީހުންނާއި ދާއިމީ ބައްޔަކަށް ފަރުވާ ހޯދާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ކޯމޯބިޑިޓީސްގެ އެހެން ބައްޔެއް ތަހައްމަލުކުރާ މީހުންނަށް ކޮވިޑް ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށާއި ކޯމޯބިޑީޓީސްގެ ތެރެއިންވެސް އެންމެ ގިނައިން ފެންނަނީ އެއް ބައްޔަށްވުރެ ގިނަ ގައިންގައިން ނާރާ ބަލި ތަހައްމަލު ކުރަމުންދާ މީހުން ބައްޔަށް ޕޮޒިޓިވްވާ މަންޒަރު ކަމަށެވެ.
"ކޯމޯބިޑިޓީސްގެ ތެރެއިން އެންމެ ގިނައިން މި ފެންނަނީ އެއް ބައްޔަށްވުރެ ގިނަ ގައިންގައިން ނާރާ ބަލި ތަހައްމަލު ކުރަމުންދާ މީހުން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، އެފަދަ ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި އެހެން ބަލިތައް ތަހައްމަލުކުރާ މީހުން ކޮވިޑުން ރައްކާތެރިކުރުމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް 9243 އަށް މީހަކަށް ކޮވިޑް ޖެހިފައިވާ އިރު، އެ ބަލީގައި 33 މިީހަކު ވަނީ މަރުވެފައެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 834 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 105 މީހަކު އެބަ ތިއްބެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު