ގދ. ހޯނޑެއްދޫގެ 64 ގެއެއްގައި ކަރަންޓީންގައި މީހުން އެބަތިބި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ހޯނޑެއްދޫގައި މިއަދު އެއް ސާމްޕަލް ނަގާފައިވާ ކަމަށާއި އެރަށުގެ ގޭގެއަށް ކުރި ޒިޔާރަތުގައި އަލާމާތްތައް ހުރި ހަތް މީހަކު ފެނިފައިވާ ކަމަށެވެ. އެ ހަތް މީހުންގެ ސާމްޕަލް މާދަމާ ނަގާނެ ކަމަށް ވިދާޅުވިއެވެ.
"މިވަގުތު ޖުމްލަ 64 ގެއެއްގައި އެރަށުގައި ކަރަންޓީނުގައި މީހުން އެބަތިބި. އެރަށުން ފެނުނު ކޭސްތަކުގެ ޖުމްލަ އަދަދަކަށް ބަދަލެއް ނާދެ،" ނަޒްލާ ވިދާޅުވިއެވެ.
މިހާތަނަށް ހޯނޑެއްދޫން 38 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރޭގައި ހައި ރިސްކް އަށް މީހުން ހިމެނެއެވެ. އަދި އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 202 މީހަކު ހިމެނޭ އިރު، އޭގެ ތެރޭގައި ހައި ރިސްކް 18 މީހުން ހިމެނެއެވެ.
އެރަށުން ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ތިބި އާއިލާއެއްގެ ހަތަރު މެންބަރެކެވެ. ކަރަންޓީނުން ދޫކޮށްލުމަށް ނެގި ރިލީސް ސާމްޕަލުން އެމީހުން ޕޮޒިޓިވްވިކަން އެނގުނީ މިމަހުގެ ތިންވަނަ ދުވަހުއެވެ.
ނަމަވެސް މިމަހުގެ ހަތަރުވަނަ ދުވަހު ފުރަބަންދުގައި ތިބި މީހުންނާ ގުޅުމެއް ނެތް ދެ މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރި އިރު، އެމީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިމަހުގެ ފަސްވަނަ ދުވަހު އެރަށުން އިތުރު 19 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ހޯނޑެއްދުއަށް ކޮވިޑް ބަލި ދިޔައީ ކިހިނެއްކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ހޯނޑެއްދޫއާ ކޯސްވޭއަކުން ގުޅިފައި އޮންނަ މަޑަވެލި ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
މި ދެރަށުގެ އިތުރުން ނ. މަނަދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ދޫކޮށްލުމަށް ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވި އިރު، އޭނާ ހުރީ ދޯންޏެއްގައި މަހަށް ނުކުމެއެވެ. އޭނާ ހުކުރު ނަމާދަށާއި އަދިވެސް ރަށުގެ ގިނަ ތަންތަނަށް ގޮސްފައިވާތީ، އެރަށް ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު