މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އާންމުކޮށްފައިވާ "ސަރުކާރު ސްކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައެޅުމުގެ އުސޫލު" އަކީ ގާނޫނުތަކާ ފުށުއަރާ އުސޫލެއް ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ސަރުކާރުގެ ސްކޫލުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސްކޫލުތަކަށް އެންމެ އެކަށީގެންވާ ގާބިލު ޕްރިންސިޕަލުން އައްޔަންކުރުމާއި ދިގު މުއްދަތަކަށް އެއް ސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ނޭދެވޭ ބައެއް މައްސަލަތަކަށް ހައްލު ހޯދުމުގެ މަގުސަދުގައި ސިވިލް ސަވިސް ކޮމިޝަނުން އެކުލަވާލާފައިވާ "ސަރުކާރު ސްކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައެޅުމުގެ އުސޫލު" އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެ އުސޫލު އާންމުކުރުމާއެކު ބައެއް ފަރާތްތަކުން ދަނީ އެ އުސޫލުގެ ސަބަބުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ޕްރިންސިޕަލުންގެ ހައްގުތަކަށް އުނިކަން އަންނަ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ގުޅިގެން އެޑިއުކޭޝަނުން ބުނީ، ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައެޅުމުގެ އާ އުސޫލުގެ ސަބަބުން އެއްވެސް ޕްރިންސިޕަލެއްގެ ހައްގަކަށް އުނިކަމެއް ނާންނާނެ ކަމަށެވެ.
"ސަރުކާރު ސްކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައެޅުމުގެ އުސޫލު"ގައި ހުރި ކަންކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެ އުސޫލަކީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ޕްރިންސިޕަލުންގެ ހައްގުތައް ނިގުޅައިގަނެ ވަޒީފާގެ ރައްކާތެރިކަން ގެއްލި، ވަޒީފާއާ ބެހޭ ގާނޫނާއި ސިވިލް ސާވިސް ގާނޫނާއި ފުށުއަރާ އުސޫލެއް ކަމަށެވެ. އަދި އެ އުސޫލުގެ ސަބަބުން ދިވެހި ޕްރިންސިޕަލުން ތައުލީމީ ދާއިރާ ދޫކޮށްލައިފާނެކަމުގެ ކަންބޮޑުވުންތައް އުފެދިފައިވާ ކަމަށާއި އެ އުސޫލުގެ ސަބަބުން ސްކޫލުތަކަށް ގާބިލް ޕްރިންސިޕަލުން ލިބުން ދަތި ވެ، ސްކޫލުގެ ހިންގުން ދަށް ވެ، ދަރިވަރުންގެ ކިޔެވުމަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާމެދު ބެލެނިވެރިންނާއި ޓީޗަރުން ކަންބޮޑުވާ ކަމަށްވެސް ބުނެފައިވެއެވެ.
"ގާނޫނު އަސާސީގެ 37 ވަނަ މާއްދާގެ (ހ)ގައި ކޮންމެ ރައްޔިތަކަށްވެސް އެމީހަކު އިހްތިޔާރުކުރާ ވަޒީފާއެއް ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ކަށަވަރުކޮށްދީފައި ވެއެވެ. ވަޒީފާއާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާގައި، ވަޒީފާ ބަޔާނުގައި ވަޒީފާ އަދާކުރަން ޖެހޭ ތަން އޮންނަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި ސިވިލް ސާވިސްގެ މުވައްޒަފުން ހޯދުމަށް ކުރާ އިއުލާނުގައި ވަޒީފާ އަދާކުރަން ޖެހޭ ތަން ބަޔާންކުރުމަކީ ވަޒީފާއަށް އެދި ކުރާ އިއުލާނުގެ އަސާސީ ސިފައެކެވެ. ނަމަވެސް ޕްރިންސިޕަލުންގެ މަގާމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މަގާމެއްގެ ގޮތުގައި ހަމަޖައްސައި، ޕްރިންސިޕަލް ވަޒީފާ އަދާކުރަން ޖެހޭ ތަނެއް ނޭނގޭ ގޮތަށް އެކުލަވާލައިފައިވާ މި އުސޫލަކީ އެއްވެސް ގާނޫނީ ބެލެނިވެރިކަމެއް ލިބިފައި ނެތް ވަޒީފާއާ ބެހޭ ގާނޫނާއި ސިވިލް ސާވިސްގެ ގާނޫނާއި ފުށުއެރުންތަކެއް ހުރި، ގާނޫނޫ އަސާސީއާއި ވަޒީފާއާ ބެހޭ ގާނޫނާއި ސިވިލް ސާވިސްގެ ގަވައިދުތަކުން މަނާކޮށްފައިވާ އެތައްކަމެއް ކުރުމަށް ފުރުސަތު ހުޅުވާލެވޭ އުސޫލެކެވެ." އިދިކޮޅުން ނެރުނު ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން ޕްރޮގްރެސިވް ކޯލިޝަނުން ބުނީ އެ އުސޫލުގެ މަގުސަދުތަކުގެ ތެރޭގައި ދިގު މުއްދަތަކަށް އެއް ސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ހައްލު ހޯދުން ކަމަށް ބުނެފައިވީ ނަމަވެސް، ދިގު މުއްދަތަކަށް ޕްރިންސިޕަލުން މަސައްކަތްކޮށްފައިވާ ގިނަ ސްކޫލުތަކަކީ ރާއްޖޭގެ ކާމިޔާބު ސްކޫލުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ގުނާލެވޭ ސްކޫލުތައް ކަމަށެވެ. އެ އުސޫލުގައި ގިނަ ދުވަހު ޕްރިންސިޕަލުން ތިބޭ ސްކޫލުތަކުގައި ނޭދެވޭ މައްސަލަތައް އުފެދޭ ކަމަށް ބަޔާންކޮށްފައިވަނީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ކަމަށްވެސް ބުންޏެވެ.
އެ އުސޫލުގެ ދަށުން "ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލް ކަނޑައަޅާ ކޮމިޓީ"އަށް ދީފައިވާ ބާރުތަކަކީ ސިވިލް ސާވިސްގެ ގާނޫނާވެސް ފުށުއަރާ، އަދި ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކުރުމަށް މަގުފަހިކޮށްދޭނެ ބާރުތަކެއް ކަމަށްވެސް ބަޔާނުގައި ބުންޏެވެ.
"ސަރުކާރު ސްކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައެޅުމުގެ އުސޫލު"ގައި ހުރި ގިނަ ކަންބޮޑުންތަކެއް ފާހަގަކޮށް، އިދިކޮޅުން ވަނީ އެ އުސޫލަށް އަމަލު ނުކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ.
"ޕްރޮގްރެސިވް ކޯލިޝަން"
"ޕްރޮގްރެސިވް ކޯލިޝަން"
"ޕްރޮގްރެސިވް ކޯލިޝަން"
"ޕްރޮގްރެސިވް ކޯލިޝަން"