ރައީސް ޑރ. މުހައްމަދު މުއިއްޒު ކެންޑިޑޭޓަކަށް ހޮވަން ބޭއްވި ޕީޕީއެމް/ޕީއެންސީ ސެނެޓު ވޯޓުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެ އިންތިހާބަކީ ސައްހަ އިންތިހާބެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމް/ޕީއެންސީގެ ކުރީގެ ލީޑަރު އަބުދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގެ ކެންޑިޑޭސީ ގެއްލުނު ހިސާބުން ޕާޓީގެ ލީޑާޝިޕްގެ ފަރާތުން ކެންޑިޑޭޓެއް ކަނޑައެޅުމަށް އެދުނު ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ގޮތް ނޫން ކަމަށާއި ޕާޓީ ބައިބައިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވެ، އިންތިހާބެއް ބާއްވަން އެދިވަޑައިގެންނެވި ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

"ރައީސް މުއިއްޒު ކެނޑިޑޭޓަކަށް ހޮވިވަޑައިގަތީވެސް ސެނެޓުގައި ވޯޓް ލައިގެން، އެންމެންނަށް ފާޅުކޮށް ހުޅުވާލައިގެން ދިޔަ ސެނެޓެއް އެއީ ހަމަ. އޭގެ ތެރޭގައި ސިޔާސީ މަސައްކަތުގައި ކޮންމެ ކެންޑިޑޭޓަކު ވެސް މަސައްކަތް ކުރައްވާނެ. އެކަމަކު އިޖުރާއަތްތަކަށް ބަލާކަމަށްވަންޏާ އޭގައި ގޯހެއް އުޅޭ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވި ގޮތުގައި ބައެއް ޝަކުވާތައް އެކަމުގައި ހުރި ނަމަވެސް އެކަން ފަހުން ތަހުގީގު ކުރަން އެ މަނިކުފާނު މަސައްކަތް ނުކުރައްވާ ކަމަށެވެ. އެއީ އެ އިންތިހާބު ކުރިއަށް ގޮސްފައިވަނީ ރަނގަޅަށް ކަމަށާއި އެކަމުގެ ޝަކުވާއެއް އެއްވެސް ފަރާތަކުން ރަސްމީކޮށް ހުށަހަޅާފައިނުވާ ކަމަށެވެ.