ސަރުކާރެއްގެ ސިޔާސަތު ތަންފީޒުކުރުމަށް އެކުލަވާލާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުން ކަމަށް ޕީޕީއެމް/ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީން ވަނީ ނިންމައިފައެވެ. އެ ދެޕާޓީން ވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގައި އެކުގައި މަސައްކަތް ކުރުމަށް ނިންމައިފައެވެ.

އެގޮތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސްއިން ނިންމާފައިވާ އިރު، އެމްޑީޕީންވެސް ދަނީ އެކަމާ މަޝްވަރާ ކުރަމުންނެވެ.

އެކަމާ ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ގާނޫނީ ގޮތުން ރައްޔިތުން އިންތިހާބު ކުރައްވާފައި ހުންނަވާ ބޭފުޅަކު، އެ މަނިކުފާނުގެ ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް ހިންގެވުމަށް ބޭނުންވާ ވުޒާރާތަކާއި އިދާރާތައް އުފެއްދެވުމާއި އެ ވުޒާރަތަކާއި އިދާރާތައް ހިންގެވުމަށް ގާބިލު ބޭފުޅުން އައްޔަން ކުރެއްވުން އެއީ ގާނޫނުން ރައީސްގެ ޒިންމާއެއް ކަަމަށެވެ.

އެގޮތުން ދައުލަތުގެ ވުޒާރާތައް ހިންގެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރައްވާފައިވާ ވަޒީރުންނަކީ ކަމަށް ގާބިލު އެ ވުޒާރާތައް ހިންގެވުމުގެ ތަޖުރިބާ ހުންނެވި އަދި އެބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ، ރައްޔިތުންގެ ލާބަ އާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުން ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

"ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާފައިވާ ތަސައްވުރާއި، އެ މަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަގޮތުގައި ތަންފީޒު ކުރައްވުމުގައި ކުރާންޖެހޭ ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާނެ ކަމާމެދުވެސް މި ކޯލިޝަނުން އެއްވެސް ޝައްކެއް ނުކުރަމެވެ. އަދި އެބޭފުޅުންނަށް މި ކޯލިޝަންގެ ފުރިހަމަ އިތުބާރު އޮތްވާހަކަވެސް ދެންނެވީމެވެ." އެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިތުރަށް ބުނީ، ވަޒީރުންނަށް އެއްވެސް މިންވަރަކަށް ފުރުސަތު ދީ ވަޒަންކުރުމެއް ނެތި އެ ބޭފުޅުންނަށް ރުހުން ނުދިނުމަކީ، ސަރުކާރު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން ނުދިނުންކަމާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތަށް ފާޅުގައި ހުރަސް އެޅުން ކަމުގައި ދެކޭ ކަމަށެވެ.

ޑިމޮކްރެޓްސް އާއި އެމްޑީޕީން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައިވާ އިރު، ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު، ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކަމަށް ބަހުސްކޮށް މިހާރު ވަނީ ނިމިފައެވެ. އަދި ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މެންދުރު 1:30 ގައި ވޯޓަށް އަހަން ވަނީ ނިންމައިފިއެވެ.