ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ ހީނާ ވަލީދު ހަމަޖައްސައިފިއެވެ.
ސަރުކާރު ހިންގާ ޕީއެންސީން އެކްސްގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ތަމްސީލުކުރައްވާ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް ހީނާ އައްޔަންކުރައްވާފައިވަނީ އިއްޔެ ކަމަށެވެ.
އެންސްޕާގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޗީޕް ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނެވީ ހީނާއެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގެންނެވީ 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެންނެވެ. އޭގެ ކުރިން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޕީއެންސީގެ ސްޕޯކްސްޕާސަންގެ މަގާމު ވެސް އަދާކުރައްވަމުން ގެންދެވީ ހީނާއެވެ.
އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ޕީއެންސީންނެވެ. އެ ޕާޓީން 89 ކެންޑިޑޭޓަކު ވާދަކުރާ އިރު، އިދިކޮޅު އެމްޑީޕީން 82 ކެންޑިޑޭޓަކު ވާދަކުރެއެވެ. ދެން ހިމެނެނީ ދަ ޑިމޮކްރެޓްސްގެ 39 ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ 10 ކެންޑިޑޭޓަކާއި އަދާލަތު ޕާޓީގެ ހަތަރު ކެންޑިޑޭޓަކާއި އެމްޑީއޭގެ ހަތަރު ކެންޑިޑޭޓަކާއި އެމްއެންފީގެ ދެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރާ 130 ކެންޑިޑޭޓުންންނެވެ.
ސިޔާސީ ޕާޓީތަކުން މަޖިލިސް އިންތިހާބަށް ވާދަކުރާ ޖުމުލަ ކެންޑިޑޭޓުންގެ އަދަދަކީ 238 އެވެ. އެއީ 22 އަންހެން ކެންޑިޑޭޓުންނާއި 216 ފިރިހެން ކެންޑިޑޭޓުންނެވެ. އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރަނީ 20 އަންހެން ކެންޑިޑޭޓުންނާއި 110 ފިރިހެން ކެންޑިޑޭޓުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު